ކެންސަރު ބައްޔަކީ ގިނަ ފަހަރަށް ވިރާސީ (ޖެނެޓިކް) ކަމެއްގެ ގޮތުގައި ނުވަތަ ދިމާވާ ނަސީބެއްގެ ގޮތުގައި މީހުން ސިފަކުރި ނަމަވެސް، ސައިންސީ ދިރާސާތަކުން ދައްކާ ގޮތުގައި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވަނީ އިންސާނާގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންނެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެއްސާއި، ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށް ކުރާ މަސައްކަތަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ހޯރމޯންތައް ހަމަހަމަކޮށްދީ، ސެލްތަކަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމަށް އެހީތެރިވެދޭ މައިގަނޑު ކަންތައްތަކެވެ.

ކޮންމެ ދުވަހަކުވެސް އިންސާނާގެ ހަށިގަނޑުގައި ސެލްތައް އުފެދި، އާލާވަމުންދާއިރު ކުދިކުދި ޖެނެޓިކް ބަދަލުތައް ނުވަތަ 'މިއުޓޭޝަން' އުފެދެއެވެ. އާންމު ހާލަތްތަކުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމުން މިފަދަ ބަދަލުތައް ދެނެގަނެ، އެކަންކަން ރަނގަޅުކޮށް ނުވަތަ އެ ސެލްތައް ނައްތާލައެވެ.

ނަމަވެސް، ހަށިގަނޑުގައި މިފަދަ ޖެނެޓިކް މިއުޓޭޝަންތައް އިތުރުވެ، އެކަންކަމުން ދިފާޢުވުމުގެ ބާރު ހަށިގަނޑަށް ގެއްލުމުން ނުރައްކާތެރި ހާލަތަކަށް ކަންކަން ބަދަލުވެއެވެ. ޚާއްޞަކޮށް، ހަށިގަނޑުގައި ދާއިމީ ގޮތެއްގައި އުފެދޭ އިންފްލެމޭޝަނާއި، އިންސިއުލިން ރެސިސްޓެންސް، މާބޮޑަށް ފަލަވުން، އަދި އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން، ހަލާކުވެފައިވާ ސެލްތައް ދިރިހުރެ، އިތުރަށް އާލާވުމަށް މަގުފަހިވާ ފަދަ މާހައުލެއް ހަށިގަނޑުގެ އެތެރޭގައި އުފެދެއެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ކާނާއާއި ކަސްރަތަކީ ވަރަށް މުހިންމު ދެ ކަމެވެ.

ކެންސަރު އުފެދުމަށް މަގުފަހިވާ މައިގަނޑު ދެ ސަބަބެއް ކަމަށްވާ އިންފްލެމޭޝަނާއި އޮކްސިޑޭޓިވް ސްޓްރެސް ކޮންޓްރޯލް ކުރެވޭނީ އަޅުގަނޑުމެން ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެއްސަކުންނެވެ. މޭވާއާއި، ތަރުކާރީ، މުގުގެ ބާވަތްތައް، އަދި އޮށްތަކުން ލިބިދޭ އެންޓިއޮކްސިޑެންޓްސްތަކަކީ ޑީ.އެން.އޭ އަށް ލިބޭ ގެއްލުންތަކުން ދިފާޢުކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން، ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދީ، ހާއްސަކޮށް ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.

އަނެއްކޮޅުން، މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާއާއި، ހަކުރު ގިނަ އެއްޗެހި، އަދި ސިއްހަތަށް ގެއްލުންދޭ ސަރުބީ ބޭނުންކުރުމަކީ ހަށިގަނޑުގައި އިންފްލެމޭޝަން އުފައްދައި ހޯރމޯންތަކުގެ ބެލެންސް ގެއްލުވާލާ ކަމެކެވެ. ސޮސެޖާއި ބޭކަން ފަދަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ އެއްޗެއްސެވެ. ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ހަށިގަނޑުގައި ސަރުބީ ގިނަވުމުން އެސްޓްރޯޖަން ލެވެލް މަތިވެ، ކެންސަރު އުފެދުމަށް ބޭނުންވާ މާހައުލެއް ތަނަވަސްކޮށްދޭތީއެވެ.

ކަސްރަތު ކުރުމަކީ ހަމައެކަނި ކެލޮރީ އަންދާލުމެއް ނޫނެވެ. ގަވާއިދުން ކަސްރަތު ކުރުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ނުރައްކާތެރިވާން ފަށާ ސެލްތައް ދެނެގަނެ އެތަކެތި ނައްތާލުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މެދުމިނުގެ ކަސްރަތެއް ގަވާއިދުން ކުރާ މީހުންނަށް އުރަމައްޗާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތައް ހަމަހަމަވެ، އިންސިއުލިންގެ މިންވަރު ކޮންޓްރޯލް ކުރެވި، ކެންސަރު ސެލްތައް އާލާވުމަށް ހުރަސްއަޅައެވެ.

ހަގީގީ ނަތީޖާ ފެންނަނީ ކާނާއާއި ކަސްރަތު އެކުލެވޭ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުމުންނެވެ. ކަސްރަތު ކުރުމުން ހަށިގަނޑުގެ މަސްތަކަށް ގްލޫކޯޒް ނެގުމަށް ފަސޭހަވެ، އިންސިއުލިން ލެވެލް ދަށްވެގެންދާއިރު، ރަނގަޅު ކާނާއިން ލިބޭ މާއްދާތަކުން ޑީ.އެން.އޭ މަރާމާތުކުރާ އެންޒައިމްތަކަށް ބޭނުންވާ ބާރު ލިއްބައިދެއެވެ. މިއީ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ނުރައްކާތެރި މިއުޓޭޝަންތަކާ ދެކޮޅަށް ކުރެވޭ އެންމެ ވަރުގަދަ މަސައްކަތެވެ.

އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، އެއްވެސް ޑައިޓެއް ނުވަތަ ކަސްރަތު ޕްލޭނަކީ ކެންސަރުން ސަލާމަތްވުމަށް އޮތް 100 އިންސައްތަ ގެރެންޓީއެއް ނޫން ކަމެވެ. ނަމަވެސް، ކެންސަރުން ރައްކާތެރިވުމަކީ ދިގު މުއްދަތަކަށް ކުރެވޭ މަސައްކަތެކެވެ. ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑުގައި ކެންސަރު އުފެދުމަށް އޮތް ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކޮށްދޭ ކަމެކެވެ. މިފަދަ ކުދިކުދި ބަދަލުތަކުން ހަށިގަނޑުގެ ގުދުރަތީ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ނުރައްކާތެރި ބަލިތަކުން ދިފާޢުވުމުގެ ބާރު ލިބިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު