ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް ލިބިފައިވަނީ މި ސަރުކާރަށް ކަމަށާއި، އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކާމެދު ލަދުގަންނަންޖެހޭނެ ކަމަށް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ރައްޔިތުން އިންތިޚާބުތަކުގައި ސަރުކާރަށް "ނޫނެކޭ" ބުނެފައިވާ ކަމަށް އިދިކޮޅު މެންބަރުން ބުނަމުންދާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އިންތިޚާބުތަކުގައިވެސް ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދެއްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއަށެވެ.

މިސާލެއްގެ ގޮތުން އިބްރާހިމް ދީދީ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭގެ މޭޔަރުކަން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަކީވެސް އެކަމުގެ ހެއްކެއް ކަމަށެވެ. އަދި އެ ދުވަސްވަރުވެސް މާލޭގެ ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދެން އެ ވިދާޅުވަނީ ތިމަންމަމެންނަށް މިވަރުގެ ބޮޑު މެޖޯރިޓީއެއް ލިބުނީމަ ޕީއެންސީ މީހުން އަނގައިން ނުތިބެ މަޑުން ތިބޭށޭ. އެހެންވެއްޖެއްޔާ މަޖިލީހުގެ މިހާރު މި ދައުރުގަ މި އިންތިހާބުވެފަ މިތިބަ މެމްބަރުންނަށް ދިވެހި ރާއްޖޭގެ ރައްޔިތުން ބޮޑު މެޖޯރިޓީއެއް، 95 މެންބަރުންގެ ތެރެއިން 75 މެންބަރުން ދެއްވީމާ ދެން އެމްޑީޕީ މެމްބަރުން އަނގައިން ނުބުނެ، އަޅުގަނޑުމެންނަށް ދޫކޮށްލައިގެން ތިބެންވީ ނޫންތޯ. ލަދުންވެސް އެއްޗެއް ނުބުނެ ތިބެންވީނު،" އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވަމުން އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ މައްސަލައިގައިވެސް އޭނާ ވަނީ އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސުވާލު އުފެއްދެވީ ރައްޔިތުންގެ މުސާރައާއި، ސިއްހީ ޚިދުމަތްތަކާއި، ތައުލީމީ ދާއިރާ ފަދަ މުހިންމު ކަންކަމަށް ބަޖެޓުން ފައިސާ ހަމަޖައްސާއިރު، އެމްޑީޕީން އެކަންކަމަށް ތާއީދު ނުކުރަނީ ކީއްވެގެންތޯއެވެ.

އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ، އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކަކީ އެއްވެސް ކަހަލަ ހެޔޮ ނިޔަތެއް އޮވެގެން ދައްކަވާ ވާހަކަތަކެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ހެޔޮ ނިޔަތެއް އޮތް ނަމަ، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ސަރުކާރާ އެކު ބައިވެރިވެގެން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ދީދީ މިފަދައިން ވާހަކަދެއްކެވިނަމަވެސް އެންމެ ފަހުން ބޭއްވުނު އިންތިހާބުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު