މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ އެ އެޕާޓްމަންޓުން ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ތަހުގީގަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50،000 (ފަންސާސް ހާސް) ރުފިޔާއެވެ.

މި ވައްކަމުގެ މައްސަލާގައި ޖުމުލަ ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ކަސްތޫރިމާގެ، ޅ. ނައިފަރު މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި، މޫންލައިޓްވިލާ، ސ. މީދޫ މުޙައްމަދު އަފްރާޙް (40އ) އާއި، ދާރުލް އައްވަލް، ރ. މަޑުއްވަރި އިސްމާޢީލް ޢާޞިފް (36އ) އާއި، މ. އޭސިއާ، މާލެ އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން މިވަގުތު ތިބީ ފުލުހުންގެ ބަންދުގައި ކަމަށާއި، މި މައްސަލާގައި ތުހުމަތުކުރެވޭ ފަސްވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އާސިފަކީ، ފައިސާ ވަގަށްނެގި އެޕާޓްމަންޓްގައި އުޅުނު މީހެއް ކަމަށްވެއެވެ. އޭނާ އިތުރު ބަޔަކާ ބައިވެރިވެގެން އެފައިސާ ވަގަށް ނެގީ އާސިފްގެ ބޭބެއެއް ކަމަށްވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގޭގެ ތިޖޫރީންނެވެ. މި ވައްކަން ކޮށްފައިވަނީ މަނިކު ސޭޓުގެ ޢާއިލާ އުމްރާއަށް ދިޔަ ވަގުތެއްގައެވެ.

އާސިފަކީ 2019 ވަނަ އަހަރު އއ. މާޅޮހު ބޭރުގައި އޮތް ދޯންޏެއްގެ ތެރޭގައި އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލާގައި 2022 ވަނަ އަހަރު 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. ރައީސް ޞާލިޙް އާސިފްގެ ހުކުމަށް ލުއި ދެއްވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައެވެ. އޭނާ ދޫކޮށްލީ ހުކުމް ފަސް ދުވަހަށް ކުރު ކުރުމަށް ފަހުގައެވެ.

މިދިޔަ އަހަރު ވެސް އާސިފް ވަނީ އޭނާގެ ބޭބެގެ ބޮލަށް ވަޅިއަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެ މާރާމާރީ ހިންގީ ބައްޕަގެ އަތުން 20 ރުފިޔާ ހޯދަން އުޅުނު މައްސަލައެއްގައެވެ.

ހަމައެއާއެކު ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ނަލަހިޔާ ރެޒިޑެންސްއަކީ މާލޭގެ މައި މަގު، މަޖީދީމަގުގައި ހުންނަ މީހުން ދިރިއުޅޭ ބޮޑު އިމާރާތަކަށްވާއިރު، މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު