މަރްޔަމް ނަހްދާ ވަޙީދު   11 އޭޕްރީލު 2026 - 16:57
ކައުންސިލް އިންތިހާބުގެ ވޯޓުތައް ގުނުމުގެ ތެރެއިން، ފޮޓޯ: އީސީ
ކައުންސިލް އިންތިހާބުގެ ވޯޓުތައް ގުނުމުގެ ތެރެއިން، ފޮޓޯ: އީސީ
މިމަހު 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ވާދަވެރި 3 އިންތިހާބުގެ ދާއިމީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާން ކުރަން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ޖުމްލަ ތިން ވޯޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭގޮތުގައި މި ވޯޓުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ނިންމައި، އެ ފޮށިތަކުގެ ނަތީޖާތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ދާއިމީ ނަތީޖާ އިޢުލާންކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށްވެސް ވަގުތުން ނަތީޖާތައް ދަނީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

މިފަހަރުގެ އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ 294,876 މީހުންގެ ތެރެއިން 73 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލުމުގެ ޙައްޤު އަދާކޮށްފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ރައްޔިތުން ވަނީ ވޯޓު ދީފައެވެ. އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު