ނަފާ ނަސީމް-
ނަފާ ނަސީމް-
ދިވެހިރާއްޖޭގައި ކޮރަޕްޝަނާއި ރިޝްވަތުގެ ވަބާ އިންތިހާއަށް ފެތުރި، ގައުމުގެ އަސާސްތައް މުގުރެމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ސަރުކާރާއި މުޖުތަމައުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ފާޅުކުރެއްވި ޝުޢޫރުތަކުގައި، ގައުމުގެ މިހާރުގެ ހާލަތު އޮތް ގޮތުން ދަރިންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފައްދަވާފައެވެ.

ނަފާ ނަސީމް ވިދާޅުވީ، މިއަދު ގައުމު ބިނާކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭންވީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ކަމަށެވެ. ނަމަވެސް، މުޖުތަމައުގެ ތެރޭގައި ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމަކީ އާންމު ކަމަކަށް ވެފައިވާތީ، އަންނަން އޮތް ޖީލުތަކަށް އެފަދަ ނުބައި އާދަތައް ދަސްކޮށްނުދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ވަޒީފާ ހޯދުމުގައާއި، ވަޒީފާ ދިނުމުގައި ވެސް ރިޝްވަތުގެ ނުފޫޒު އޮތްކަން ފާހަގަކުރައްވައި، ނަފާ ނަސީމް ވަނީ މި ގައުމުގައި ތެދުވެރިކަމެއް ނުވަތަ އަމިއްލަ ޒަމީރު ގަބޫލުކުރާ އުސޫލުތަކެއް ނެތީތޯ ސުވާލު އުފައްދަވާފައެވެ.

ގައުމުގެ މިހާރުގެ ހާލަތާ މެދު ނުރުހުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ ކަންކަން މިއަދު ބައްޓަންވެފައި އޮތީ ވަރަށް ދަށު ދަރަޖައަކަށް ކަމަށެވެ. އެގޮތުން، މީހުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ ރިޝްވަތުގެ އެހީގައި ކަމަށާއި، ކިޔަވާ ކުދިން އިމްތިހާނުތަކުން ފާސްވަނީ ކޮޕީކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ވައްކަން ކޮށްގެން ފައިސާ ހޯދުމާއި، ޝަރުއީ ނިޒާމުގެ ތެރެއިން ފައިސާއަށް ޝަރީއަތް ކުރުމާއި، ވޯޓު ގަނެވިއްކުމުގެ ނުބައި އާދަ ގައުމުގައި މޫލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަފާ ނަސީމްގެ ވާހަކަފުޅުގައި އެންމެ ބޮޑު ތުހުމަތެއް ކުރެއްވީ ސިޔާސީ މައިދާނުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކަށެވެ. އެގޮތުން، މިހާރު ރާއްޖޭގައި ވަޒީރުކަމުގެ މަގާމުތަކަކީ ފަސް މިލިއަނަށް ގަނެވިއްކާ އެއްޗަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމުގެ ކަންކަން މިހާ ގޯސްވެފައި އޮތްއިރު، ރައްޔިތުން އެކަންކަމަށް ހިތްވަރުދީ އަތްޖަހަން ތިބޭތީ އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު