ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އަސްކަރީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ބޭފުޅުން ފޯނުން ގުޅުއްވައި ކުރެއްވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެ ސަރަހައްދުގެ މިނިވަން ދަތުރުފަތުރަށް ހުރަސްއެޅިފައިވާތީ، އެކަން ހައްލުކުރުމަށް ބޭނުންކުރެވިދާނެ އަސްކަރީ ގާބިލްކަމާ ބެހޭގޮތުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 30 އަށްވުރެ ގިނަ ގައުމު ހިމެނޭ ކޯލިޝަނެއްގެ އިސްދައުރެއް އިނގިރޭސިވިލާތުން އަދާކުރަމުންދާ ކަމަށެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތާއި އެމެރިކާގެ އިސްވެރިން މިފަދަ މަޝްވަރާތަކެއް ކުރައްވާފައި މިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތަކެއް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

ނަމަވެސް، ދުނިޔޭގެ އިގްތިސާދަށް މުހިންމު މި ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވާތީ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ސަރަހައްދު ހުޅުވުމަށް ހުޅަނގުގެ ބާރުތަކުން ދަނީ ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު