ކައުންސިލް އިންތުހާބުގެ ވޯޓު ގުނުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތުހާބުގެ ވޯޓު ގުނުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، އެންމެ ފަހުން އިންތިޚާބުވި ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކުރުމަށްފަހުއެވެ. މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުން މަޤާމުގެ ހުވާކޮށްފައިވަނީ 17 މޭއި 2021 ގައެވެ. އެހެންކަމުން، އައު ދައުރަށް ހޮވުނު މެންބަރުން މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް، އެލްޖީއޭއިން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި، އެ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން އެ މެންބަރުން އިޤްރާރުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލަރުން ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުތަކަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އެލްޖީއޭއިން ބުނީ، މިފަހަރުގެ ރަސްމިއްޔާތުތައް ބޮޑުކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ހުވާލައިދިނުމަށްޓަކައި މެޖިސްޓްރޭޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަވެސް، އެންމެ ކައިރި ރަށަކުން މެޖިސްޓްރޭޓަކު ހަމަޖައްސައިގެން ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ރަށްރަށުގެ ހާލަތަށް ބަލައި، އޮންލައިންކޮށް ރަސްމިއްޔާތު ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަމަށްވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގެ ޔަޤީންކަން އެލްޖީއޭއިން ދެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ އިދާރީ ހިންގުމަށް މުހިންމު ބަދަލުތަކެއް އަންނާނެ އިންތިޚާބެކެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރުމަށް ވޯޓުލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު