މުހައްމަދު ވިސާހް
މުހައްމަދު ވިސާހް
ޣައްޒާގެ ހުޅަނގުގައި އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާގެ ރިޕޯޓަރު މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އައްސޭރިފަށުގެ މަގެއް ކަމަށްވާ އަލް ރާޝިދު މަގުން އޭނާ ދަތުރުކުރަމުންދިޔަ ކާރަށް އަމާޒުކޮށްގެންނެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އިޒްރޭލުގެ މި ވައިގެ ހަމަލާއާ އެކު އޭނާ ދަތުރުކުރި ކާރުގައި ވަނީ ވަގުތުން އަލިފާން ރޯވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ނޫސްވެރިންނަށް އަމާޒުކޮށް ގަސްތުގައި ހަމަލާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 262 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ. ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ މިފަދަ ހަމަލާތަކަކީ ހަގީގަތް ފޮރުވުމަށް ހިންގާ ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު