ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ނަވާޒް
ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ނަވާޒް
އިންޑިޔާ އިން ބޭނުން ނަމަވެސް ރާއްޖެ ނުހިފޭނެ ކަމަށާއި، ގައުމު ދިފާއު ކުރުމަށް ފުރާނައިން ގުރުބާން ވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބުދު ﷲ ނަވާޒު މިހެން ވިދާޅުވީ އިންޑިޔާއިން ބޭނުންވެއްޖެނަމަ ހުރިހާ ދިވެހިން މަރާފައިވެސް ދިވެހިރާއްޖެ ހިފިދާނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެވެ.

އެކަމާ ގުޅިގެން ފައްޔާޒާ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ކުރީގެ އެކްޓިން ސީޕީ އަބުދު ﷲ ނަވާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިޔާ އިން ބޭނުންވި ނަމަވެސް މި ލޮބުވެތި ވަތަން ނުހިފޭނެ ކަމަށެވެ. އެންމެ ފަހު ލޭތިއްކާ ޖެހެންދެން ގައުމު ދިވެހި ރައްޔިތުން ދިފާއު ކުރާނެ ކަމަށް ނަވާޒް ވިދާޅުވިއެވެ.



"އަމިއްލަ ގައުމާއި ދޭތެރޭ ތިޔަ ދެއްކި ވާހަކަ އާއި މެދު ހިތާމަކުރަން." ނަވާޒް ވިދާޅުވިއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ އިންޑިޔާ އަކީ ބާރުގަދަ ގައުމެއް ކަމަށާއި، އެގައުމުން ރާއްޖެ ހިފަން ބޭނުންވެއްޖެނަމަ ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފައި އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖެއްޔާމުން އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން މިދަންނަވަނީ. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ޤައުމެކޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެން އެންމެން މަރާފައިވެސް އެމީހުން ބޭނުމިއްޔާ ކުރާނެއޭ." ދައުލަތުގެ މީޑިޔާ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއްގައި ފައްޔާޒް ވިދާޅުވިއެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ އިންޑިޔާ އިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދިވެހި އަސްކަރިއްޔާ އަކީ ނިކަމެތި ބަޔެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު