މެންބަރު އަސްމާ
މެންބަރު އަސްމާ
މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ކުރިމަގާ މެދު ސުވާލު އުފައްދަވައި ދެއްކެވި ވާހަކަފުޅުތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އާންމުވެފައިވާ މި ރެކޯޑިންގައި އަސްމާ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބު ނުކުރެއްވޭނެ ކަމީ "ވަރަށް ސާފު" ކަމެއް ކަމަށެވެ. އަސްމާ އާއި ޒުވާނަކާ ދެމެދު ދެކެވުނު މި ފޯން ކޯލްގައި، އޭނާ ވަނީ އަމިއްލަ ނުފޫޒާއި ތާއީދު އޮތް މިންވަރުގެ މައްޗަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން އޭނާ ދެކެ ލޯބިވާ މީހުން ވަރަށް ގިނަ ކަމަށާއި، އޭނާ ބުނާ ގޮތަކަށް އެ މީހުން އަމަލުކުރާނެ ކަމަށް ވިދާޅުވިއެވެ. މި ވާހަކަތަކާ ގުޅިގެން އެ ޒުވާނާ ވަނީ މަޖިލީހުގެ ގޮނޑި ގެއްލިދާނެ ފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް، އަސްމާ ވަނީ އޭނާގެ ގޮނޑި ގެއްލުވާ ނުލެވޭނެ ކަމަށާއި، އެފަދަ ހާލަތެއް އަތުވެއްޖެނަމަ އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންގެ އެހީތެރިކަމާއެކު އަލުން ގޮނޑި ކާމިޔާބު ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭގޮތުން ވެސް އަސްމާ ވަނީ ޝަރުތުތަކެއް ކުރިމަތި ކުރަށްވާފައެވެ.

އެގޮތުން، މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭންގައި ބައިވެރިވާނީ މަގާމުގެ ކުރިއެރުން ނުވަތަ ޕްރޮމޯޝަން ދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް މީހުންނަށް ޕްރޮމޯޝަން ދީފައިވާކަން ފާހަގަކުރަށްވައި، އެކަން ހަމަނުޖެހެނީސް ކެމްޕޭނަށް ނުނިކުންނާނެ ކަމަށް ވެސް އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، މާފަންނުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމުގެ ކުރިން ސުވާލުކުރާނެ މީހުންގެ ލިސްޓެއް އަސްމާ ތައްޔާރުކުރި މައްސަލައިގައި ރައީސް މުއިއްޒު އޭނާއަށް ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ. އަސްމާ ވިދާޅުވީ އޭނާއާ މެދު ކަންތައް ކުރި ގޮތުގެ ސަބަބުން ގިނަ ބަޔަކު ޕީއެންސީއަށް ވޯޓު ދޭން ބޭނުންނުވާ ކަމަށާއި، މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ ރައީސް މުއިއްޒަށް އިންތިޚާބު ނާކާމިޔާބުވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު