އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރެފަރެންޑަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިހުމާލުވެފައިވާ ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތައް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިރޭ ދިފާއު ކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ މި ވޯޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކުރެވިފައި ނުވާ ކަމަށް ބުނެ ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވީ، ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މީޑިއާތަކުގައި މި މައުޟޫއަށް އަށް ގަޑިއިރު ހޭދަކޮށްފައިވާ ކަމަށާއި، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުތަކަށް ހަ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަށްރަށަށް ދަތުރުކޮށް 30،000 އަށް ވުރެ ގިނަ މައުލޫމާތު ކަރުދާސް ބަހާފައިވާ ކަމަށާއި، ކޮމިޝަނުގެ މުވައްޒަފުން ކުރި މަސައްކަތުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެކަށީގެންވާ ވަރަށް ދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.

ނަމަވެސް، އިންތިހާބީ ނިޒާމަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަށް ކުރެވުނު މަސައްކަތް މަދުކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް މައުލޫމާތު ފެނުނު ކަމަށް އީސީން ބުނި ނަމަވެސް، އަމަލީ ގޮތުން މިކަމުގައި އެންމެ ބޮޑު ހޭލުންތެރިކަމެއް ފަތުރާފައިވަނީ ސިޔާސީ ޕާޓީތަކުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެހެންނަމަވެސް، ޒާހިދު ވަނީ އަމިއްލައަށް ރަށްރަށަށް ކުރެއްވި ދަތުރުތަކުން ރައްޔިތުންނަށް މައުލޫމާތު އެނގިފައިވާ މިންވަރު ސާފުވި ކަމަށާއި، މައުލޫމާތު ނުދެވޭ ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު