ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެކަމުގެ އިންޒާރު ކުރީގެ ނައިބު ރައީސް އަދި ގާނޫނީ މާހިރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ދެއްވައިފިއެވެ.

ރާއްޖޭގެ ޓީވީއެއްގައި މިއަދު ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ "ފެހި ގާނޫނުއަސާސީ" އަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަސްދީޤުކުރެވުނު އެއްޗެއް ކަމަށެވެ. އެއަށްފަހު ރައީސް މުޙައްމަދު ނަޝީދު، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން ކުރެއްވި ނަމަވެސް، އެއިން އެއްވެސް ބޭފުޅަކު ގާނޫނުއަސާސީގެ އިންތަކުން ބޭރުވާން ނުވަތަ އެއިން ރެކިގަންނަން މަސައްކަތް ކުރަށްވާފައި ނުވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، މާދަމާ ބާއްވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ގާނޫނުއަސާސީގެ ދައުރު ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އަދި އަސާސީ ޙައްޤުތަކާއި ގާނޫނުއަސާސީ ހިމާޔަތްކުރުމަށްޓަކައި، ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ވޯޓުދޭ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެކަން ރައްޔިތުން ހަނދާން ބަހައްޓަންވާނެ. އެހެންކަމުން، ގާނޫނުއަސާސީ ސަލާމަތްކުރަން ޖެހޭނެ. އަޅުގަނޑު މިބުނަނީ ތެދަށް. ގާނޫނުއަސާސީ ރައްކާތެރިކޮށް، މި ގައުމަށް ގެނެސްފައިވާ އިސްލާހީ ބަދަލުތަކާއި ކުރިއެރުންތައް ދަމަހައްޓަން ބޭނުންވާނަމަ، މާދަމާ ނިކުމެ ވޯޓު ކަރުދާހުގައި 'ނޫނެކޭ' ޖެހުމަށް އަޅުގަނޑު އިލްތިމާސްކުރަން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުން ހިންގަމުންދާ ކަންކަން ހުއްޓުވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަން ފާހަގަކުރައްވަމުން، މިއީ އެކަން ހުއްޓުވަން ލިބޭ ފަހު ފުރުސަތު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މި ވޯޓުން ސަރުކާރު ކާމިޔާބު ހޯދައިފިނަމަ، ގައުމު އެތައް އަހަރެއް ފަހަތަށް ސޮއްސައިގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުން މި ވޯޓުގައި "ނޫނެކޭ" ބުނެފިނަމަ، ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އޭނާ ވަނީ ގައުމު އަނބުރާ ހޯދުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، މި ވޯޓަށް ނޫނެކޭ ބުނުމަށް ތަކުރާރުކޮށް ގޮވާލަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު