ދެކުނު އޭޝިއާ ޤައުމުތަކުގެ ބައެއް ވެރިން
ދެކުނު އޭޝިއާ ޤައުމުތަކުގެ ބައެއް ވެރިން
ދެކުނު އޭޝިއާގެ ސިޔާސީ މަސްރަހަކީ އަބަދުވެސް ބަދަލުވަމުންދާ، ނާޒުކު މަސްރަހެކެވެ. ފާއިތުވި ދުވަސްތަކުގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި އިންޑިއާއާ ދެކޮޅު ޝުއޫރުތަކެއް އުފެދި، "އިންޑިއާ އައުޓް" ފަދަ ހަރަކާތްތަކެއް ހިންގާފައިވީ ނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއި، އިގްތިސާދީ ގޮންޖެހުންތަކާ އެކު، އެއް ޒަމާނެއްގައި އިންޑިއާއާ ދުރުވި ގައުމުތަކުން މިއަދު އެނބުރެނީ "އިންޑިއާ ހެލްޕް" ނުވަތަ އިންޑިއާގެ އެހީތެރިކަމަށެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެންނެވެ. ޚާއްސަކޮށް އޭޝިއާއަށް ތެޔޮ ފޮނުވުމުގެ މައި ހަބެއް ކަމުގައިވާ ސްޓްރޭޓް އޮފް ހޮރްމޫޒް ބަންދުވުމުގެ ބިރު އޮތުމުން، ތެލުގެ ސަޕްލައި ޗޭންތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ދިވެހިރާއްޖެ، ބަންގްލަދޭޝް، އަދި ސްރީލަންކާ ފަދަ، އިމްޕޯޓްކުރާ ހަކަތައަށް ބަރޯސާވާ ގައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަނީ އިންތިހާއަށް ކުރަން ފަށާފައެވެ.

މީގެ މަސްތަކެއް ކުރިން ރާއްޖޭގައި އޮތް ސިޔާސީ މަސްރަހަށް ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް އިންތިޚާބުވުމުގައި "އިންޑިއާ އައުޓް" ކެމްޕެއިން މައިގަނޑު ދައުރެއް އަދާކުރިއެވެ. އޭރުގެ އަމާޒަކީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ މީހުން ފޮނުވާލުމެވެ. ހަމައެފަދައިން ބަންގްލަދޭޝްގެ ސިޔާސީ ބަދަލުތަކުގެ ތެރޭގައި ވެސް އިންޑިއާއާ ދެކޮޅު ވާހަކަތައް އިތުރުވެ، އެ ގައުމުތަކުން ސަރަހައްދީ އެހެން ބާރުތަކާ ގާތްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، މިއަދުގެ ހަގީގަތް މިއަށްވުރެ މާ ހިތްދައްޗެވެ.

ބަންގްލަދޭޝްގައި ހަކަތައިގެ ދަތިކަން ބޮޑުވެ، ގައުމުގެ 95 އިންސައްތަ ތެޔޮ އެތެރެކުރަން ޖެހުމުން، ކަރަންޓް ކަނޑައި ފެކްޓްރީތަކާއި ޔުނިވާސިޓީތައް ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ. މި ހާލަތުން އަރައިގަތުމަށް ތާރިކް ރަހުމާން އިސްކޮށް ހުންނަވައިގެން މިހާރު ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އިންޑިއާއިން ވަނީ އެ ގައުމުގެ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި އިތުރުކޮށްދީފައެވެ.

ރާއްޖެއަށް ބަލާއިރު ވެސް، ފަތުރުވެރިކަމަށް ބަރޯސާވާ އިގްތިސާދަށް ތެލުގެ ދަތިކަމުގެ އަސަރު ވަނީ ކުރަން ފަށާފައެވެ. މިއާއެކު، ކުރިން އިންޑިއާއާ މެދު ގެންގުޅުއްވި ހަރުކަށި ސިޔާސަތު ބަދަލުކުރަށްވައި، ރައީސް ޑރ. މުއިއްޒު މިހާރު ވަނީ އިންޑިއާއަކީ "އިތުބާރު ކުރެވޭ ބައިވެރިއެއް" ކަމަށް ސިފަކުރަށްވާފައެވެ. އަދި ޕެޓްރޯލާއި އޭވިއޭޝަން ފިއުލް ހޯދުމަށް ރާއްޖޭން އެދުނު އެދުމަށް ނިއުދިއްލީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

ސްރީލަންކާގެ ހާލަތު ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. 2022 ގެ އިގްތިސާދީ ކާރިސާއަށް ފަހު އަދިވެސް ހަމައަކަށް ނޭޅި އުޅެނިކޮށް، ތެޔޮ ހުސްވުމުގެ ބިރު ކުރިމަތިވުމުން ރައީސް އަނޫރާ ކުމާރާ ޑިސާނާޔަކޭ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީއަށް އެދިވަޑައިގެންފައެވެ. އިންޑިއާއިން ވަނީ ވަގުތުން ދިހަހާސް މެޓްރިކް ޓަނުގެ ތެޔޮ ލަންކާއަށް ފޯރުކޮށްދީފައެވެ.

މި ހުރިހާ ކަމަކުން އެނގިގެންދަނީ، އަމިއްލަ ގައުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިންޑިއާއަކީ މި ސަރަހައްދުގެ ހަމަޖެހުމުގެ މައިގަނޑު ބާރުކަމެވެ. ސިޔާސީ ގޮތުން ކިތަންމެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ދަތި ނާޒުކު ދަނޑިވަޅުތަކުގައި އަވަށްޓެރި ގައުމުތަކަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ އިންޑިއާކަން މިއަދު އެންމެން ވެސް ގަބޫލުކުރަން ޖެހެއެވެ. "އިންޑިއާ އައުޓް" ގެ ޝިއާރުތައް މަޑުމަޑުން ފޭދި، އަމަލީ ހަގީގަތަކަށް ވެފައިވަނީ އިންޑިއާގެ އެހީތެރިކަމެވެ.



ކިޔުންތެރިންގެ ހިޔާލު