އައްޑޫ ސިޓީ ކަނު އަނދިރީގައި
އައްޑޫ ސިޓީ ކަނު އަނދިރީގައި
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ރޭ ދަންވަރު 2:00 ހާއިރު ކަރަންޓު ކެނޑި، މުޅި ސިޓީ އަނދިރިވެއްޖެއެވެ. ކަރަންޓު ކެނޑުނުތާ ގިނަ ގަޑިއިރުތަކެއް ވެފައިވާއިރު، މިހާތަނަށް ވެސް ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ އައްޑޫ ސެންޓްރަލް ޕަވަރު ހައުސްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ސިސްޓަމް "ޑައުން" ވުމުންނެވެ. މި ހާދިސާގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ހުރިހާ ސަރަހައްދުތަކަކުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފައެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ، ޕަވަރު ހައުސްއަށް ދިމާވި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އިންޖިނޭރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ކަރަންޓު އަލުން ލިބޭނެ ސީދާ ވަގުތެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. އައްޑޫ ސިޓީއަކީ މި ފަހަކަށް އައިސް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު