މޭޔަރު އާދަމް އާޒިމް
މޭޔަރު އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރު ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ މިހާރުގެވެސް މޭޔަރު އާދަމް އާޒިމް، އެމް.ޑީ.ޕީ އިން ހުޅުމާލޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ހަމައެކަނި ސަރުކާރުގެ އިސްވެރިންނަށް މަންފާ ހޯދައިދޭން މަސައްކަތްކުރާ ބައެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް، ރައްޔިތުންނަށް ދޭންޖެހޭ އާސަންދައާއި، ބޭސްފަރުވާގެ ޚިދުމަތްތަކުގެ އިތުރުން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ ގޯތިގެދޮރުގެ މައްސަލައިގައި މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އާޒިމްގެ ވާހަކަފުޅުގައި އެޗް.ޑީ.ސީ އާއި މާލެ ސިޓީ ކައުންސިލްގެ ބާރުތަކާ ގުޅޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން 100 ދުވަސް ތެރޭގައި އެޗް.ޑީ.ސީގެ ބާރުތައް ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރެއް ވެގެންދިޔައިރުވެސް އެކަން ކޮށްފައިނުވާ ކަމަށެވެ.

އަދި ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ބަނދަރު ފަދަ އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ބިކަވަމުންދާ ކަމަށާއި، މި ކަންކަން ހައްލުކުރުމަށް އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީ ކައުންސިލްގެ އަޣުލަބިއްޔަތު ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ބޮޑެތި ޢަދަދުތަކުން ފައިސާ ޚަރަދުކުރަމުންދާއިރު، އޭގެ އެއްވެސް މަންފާއެއް ރައްޔިތުންނަށް ނުފެންނަކަން އާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ ގާތަށް ކުރި ޒިޔާރަތްތަކުން އެނގިގެންދިޔައީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ހޮވައިދީފިނަމަ، ރައީސް އޮފީހާއި އެޗް.ޑީ.ސީގެ ދޮރުމަތީގައި ތިބެގެން ނަމަވެސް ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭނެ ކަމުގެ ޔަޤީންކަން އާޒިމް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު