ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރައްޔިތުންނަށް ދިމާވެފައިވާ ތަފާތު ދަތިތަކަށް ހައްލު ހޯދުމުގެ ނަމުގައި އާ އޮފީސްތައް ހުޅުވައި، ވަޒީފާތައް އިތުރުކުރުމަކީ ހަގީގީ ހައްލެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އާސަންދަ އަދި އެންސްޕާގެ އޮފީހެއް އިއްޔެ ހުޅުވުމާ ގުޅިގެން، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ، ހަމައެކަނި އޮފީސްތަކެއް ހުޅުވައި ވަޒީފާތައް ދިނުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ހިނގަމުންދާ ނިޒާމުތައް އިސްލާހުކޮށް ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެދެވޭ ހިދުމަތެއް ފޯރުކޮށްދެވޭނީ މިހާރު ހުރި ނިޒާމުތަކުގެ ތެރެއިން ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން އިސްލާހުކޮށްގެންނެވެ.

މީގެ އިތުރުން އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ރާއްޖެއަށް ކުރަމުންދާ އަސަރުތަކަށް އަލިއަޅުއްވާލައްވައި، ތަކެތީގެ އަގުބޮޑުވަމުންދާ ދިއުމާ ގުޅޭގޮތުން ވެސް ކުޑޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސިމެންތި ބަސްތާއެއްގެ އަގު މިހާރު 300 ރުފިޔާއަށް އުފުލިފައިވާކަން ފާހަގަކުރައްވައި، އާންމު ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.

"ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށް އެރީއެވެ. ސަރުކާރުން އިމާރާތްކުރާ ތަކެތީގެ އަގު ހެޔޮ ކުރެވޭނޭ ގޮތަކާއިމެދު އަދިވެސް 'ވިސްނަނީ' އެވެ،" ސަރުކާރުގެ މަސައްކަތްތައް ލަސްވަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ކުޑޫ ވިދާޅުވިއެވެ.

ކުޑޫ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ކަންކަމުގައި ސަރުކާރުން "ވިސްނުމުގައި" ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާއިރު، ސިޔާސީ ކެމްޕެއިންތަކުގެ ހަރަކާތްތައް އެއްވެސް ހުރަހެއް ނެތި ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ބޭނުންވާ ފައިސާ ހުރި ތަނެއްގައި ހުރިކަން ފާހަގަކުރައްވައި، ސަރުކާރުގެ އިސްކަންދޭ ތަރުތީބު ހުރި ގޮތާމެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު