ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް
ބީއެމްއެލް އާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާނަމަ މުޅި ރާއްޖޭގެ އިގުތިސާދަށް ގެއްލުން ލިބިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޝަރީފް މިހެން ވިދާޅުވީ، ފައިސާ ދެއްކުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ ނިޒާމު، ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ބޭންކާ ބެހޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ފަތުރަނީ އެ ބޭންކުގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ.

ޚާއްޞަގޮތެއްގައި، ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމަށާއި، އެހެންކަމުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޕޭމަންޓްތައް ނެހެދޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކާއި، ބޭންކުގެ ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާއެއް ނެތް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ، ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި، އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ވެސް ހުންނަންޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މިދަނީ ކްރޮސް ބޯޑާ ޕޭމަންޓުތައް ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ހިމެނޭހެން ހިދުމަތްދެމުން." ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ޝަރީފް ވިދާޅުވީ، ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ނަމަ، ބޭންކަށް ބައިނަލްއަގުވާމީ އެއްވެސް ޕޭމަންޓެއްގެ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ. އޭގެއިތުރުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މި ހައްސާސް ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގުތިސާދަށް ގެއްލުން ދިނުން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވަނީ، މިފަދަ ވާހަކަތަކުގެ ސަބަބުން އާންމުންނާއި، ކަސްޓަމަރުންނާއި، ބޭންކުގެ ޕާޓްނަރުންގެ މެދުގައި ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެދޭނެކަމަށް ވިދާޅުވެ، އެފަދަ ކަންކަމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައެވެ.

އޭގެއިތުރުން ބޭންކާ ގުޅޭ ރަސްމީ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނުވަތަ އެމްއެމްއޭ އިން ކަމަށާއި، ކާކުކަން ނޭނގޭ ގޮތަށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަ އޭނާ ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު