ފޮޓޯ: މީސްމީީޑިއާ
ފޮޓޯ: މީސްމީީޑިއާ
ގައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް، ލިމިޓެއްނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ. މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނު ސްކީމުގެ މަދުވެގެން 50 އިންސައްތަ ހާއްސަ ކުރާނީ ފަންނީ ދާއިރާތަކަށް ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖެ ބިނާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާނެ ގާބިލު ފަންނުވެރިން ދިވެހިންގެ ތެރެއިން އުފެއްދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ ލޯނު އުސޫލަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ލޯނަށް އެދުމަށް ވަކި ހާއްސަ ސުންގަޑިއެއް ކަނޑައަޅާފައި ނެތުމެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މީގެ ފަހުން ދަރިވަރުންނަށް ކޮންމެ ވަގުތަކުވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ އިތުރުން، އަލަށް ކިޔަވާ ކުދިންނާއި މިހާރު ކިޔަވަމުންދާ ކުދިންގެ މެދުގައި ކުރިން އޮތް ތަފާތުކުރުންތަކާއި ކެޓަގަރީތައް މިހާރު ވަނީ އުވާލާފައެވެ.

ދަރިވަރުންނަށް ލިބޭނެ އަނެއް ބޮޑު ލުޔަކީ، މިހާރު ދޫކުރާ ސްޓޫޑެންޓް ލޯނަކީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ، އަދި އެއްވެސް އިންޓްރެސްޓެއް ނުނަގާ ގޮތަށް ދޫކުރާ ލޯނުތަކަކަށް ވުމެވެ. މީގެ ސަބަބުން އިސްލާމީ ޝަރީޢަތުގެ އުސޫލުތަކުގެ ތެރެއިން މަތީ ތައުލީމު ހާސިލު ކުރުމަށް ދަރިވަރުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެއެވެ.

މި އުސޫލު ބުނާގޮތުން ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާއެވެ. ލޯނުގެ ގޮތުގައި ޓޮޕްއަޕް ލޯނާ ނުލާ އެންމެ ގިނައިން ދޫކުރެވޭނީ 2.5 މިލިއަން ރުފިޔާކަމަށް އުސޫލުގައިވެއެވެ.

އޭގެއިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑުގެ އުސޫލު މުރާޖާ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންކޮށްދީ، ކިޔަވަން ބޭނުންވާ ވަގުތު މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ދާއިރާތައް ޕޯޓަލް އިން ފެންނަން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު