މަރްޔަމް ނަހްދާ ވަޙީދު   31 މާރިޗު 2026 - 20:59
އީސީގެ ރައީސް-
އީސީގެ ރައީސް-
ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލާންދާ ކޮންމެ މީހަކަށްވެސް އެއްވެސް ސުވާލެއް ކުރުމެއްނެތި ތިން ވޯޓު ކަރުދާސް ދޫކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން މިކަން ހާމަކޮށްފައިވަނީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރުމަށް އެ ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.

ސުޢޫދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޯޓުލާން އަންނަ މީހާ ކުރެ ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، އެމީހަކު ބޭނުންވާ ކަރުދާސްކޮޅު އެކަނި ދިނުމަށް އީސީން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "އީސީ އިން ހަމަޖައްސަން ގަސްތުކުރަނީ ވޯޓު ލާން އަންނަ މީހުން ކުރެ ވޯޓު ލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެމީހަކު ވޯޓު ލާން ބޭނުންކަމަށް އެމީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް،" ކަމަށް ސުޢޫދު ކުރިން ވިދާޅުވިއެވެ.

ނަމަވެސް، މިރޭ ސުޢޫދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު އޭނާއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސުޢޫދު ވިދާޅުވީ ކުރިން ކުރި ޕޯސްޓުގައި ހުރި މައުލޫމާތުތަކަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި، ވޯޓުލާންދާ ކޮންމެ މީހަކަށްވެސް އެއްވެސް ސުވާލެއް ކުރުމެއްނެތި ތިން ވޯޓު ކަރުދާސް ދޫކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު