ފޮޓޯ: ކަސްޓަމްސް
ފޮޓޯ: ކަސްޓަމްސް
މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އައްޑޫ ހިތަދޫ ޕޯޓުން 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަތް މައްސަލައާ ގުޅިގެން، މަނީ ލޯންޑަރިންގެ ކުށެއް ހިމެނޭތޯ ބެލުމަށް ފުލުހުން ތަހުގީގު ފަށައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ، ހިތަދޫ ޕޯޓުން އެތެރެކުރަން މަސައްކަތްކުރި މި ސިނގިރޭޓުތަކުގެ މައްސަލަ ކަސްޓަމްސްއިން ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުން އެ މައްސަލަ ދިރާސާކުރިއިރު މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭކަމަށް ބެލެވޭތީ، އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ.

ހަމަ އެއާއެކު ޝަފީޢު ވިދާޅުވެފައިވަނީ، މިހާރު ކަސްޓަމްސްއާއި ފުލުހުން ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ "ނެސޯ ހޯމް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރިތަކާބެހޭ ޕޯޓަލުން އެނގޭ ގޮތުގައި، އަޙްމަދު ޙަސަންދީދީގެ މި ކުންފުންޏަށް ހުއްދަ ދޫކޮށްފައިވަނީ ގޭގެއަށް ބޭނުންވާ ކަރަންޓު ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ވިއްކުމަށެވެ.

ސެޕްޓެންބަރު 24 ވަނަ ދުވަހު ކަސްޓަމްސްއިން އަތުލައިގަތް މި ސިނގިރޭޓުތަކުގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާއިރު، މިއީ ފަހުގެ ތާރީޚެއްގައި އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ ސިނގިރޭޓެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް އައްޑޫން އެއްލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ސަބަބުން ވަގަށް ސިނގިރޭޓު އެތެރެކުރުމާއި، ކަޅު ބާޒާރުގައި ވަގު ސިނގިރޭޓު ވިއްކުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު