ދުބާއީ ކައިރީގައި ބަނދަރުކޮށްފައި އޮތް ކުވައިތުގެ ތެޔޮ ޓޭންކަރަކަށް، 30 މާރޗު ވީ ހޯމަ ދުވަހު އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެ އުޅަނދުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ކަނޑަށް ތެޔޮ ބޭރުވެދާނެކަމުގެ ބިރު އޮތް ކަމަށް ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭ.ޕީ.ސީ) އާ ހަވާލާދީ ބްލޫމްބާގުން ވަނީ ރިޕޯޓުކޮށްފައެވެ.

ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އޮތް މި ޓޭންކަރަށް ދީފައިވަނީ ޑްރޯން ހަމަލާއެއް ކަމަށް ބެލެވެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ކަނޑުމަތީގައި ހަރަކާތްތެރިވާ ފަޔަރ ފައިޓިންގ ޓީމުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، އުޅަނދުގައި ތިބި 24 ފަޅުވެރިންވެސް ސަލާމަތުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަލް-ސަލްމީ" ނަމަކަށް ކިޔާ މި ޓޭންކަރަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކޭ.ޕީ.ސީ އިން ބުނެއެވެ. ލޮއިޑްސް ލިސްޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އުޅަނދަކީ ކޭ.ޕީ.ސީގެ ދަށުން ހިންގާ އުޅަނދެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ގަލްފް ސަރަހައްދާއި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ތެޔޮ މާކެޓަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެގޮތުން އެމެރިކާގެ ތެޔޮ އަގު %2.9 މައްޗަށް ގޮސް، ފީފާއެއްގެ އަގު 105.91 ޑޮލަރަށް އުފުލިފައިވާ ކަމަށް ބްލޫމްބާގުން ބުނެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އީރާނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން، ހަމަ އެދުވަހު ސައުދީ އަރަބިއްޔާގެ ރައުސް ތަނޫރާ ކައިރިން ދަތުރުކުރި ގްރީސްގެ ކޮންޓޭނަރު އުޅަނދެއް ކަމަށްވާ "އެކްސްޕްރެސް ރޯމް" އަށް އަމާޒުކޮށްވެސް ދެ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ އުޅަނދުގެ ކައިރިއަށް ކަނޑަށް ދެ އެއްޗެއް ވެއްޓިފައިވާ ކަމަށާއި، ނަމަވެސް އުޅަނދަށާއި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މެރިޓައިމް ރިސްކް މެނޭޖްމަންޓް ފާމް، ވެންގާޑުން ބުނެއެވެ.

ވެންގާޑުން ބުނި ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހުވެސް މި އުޅަނދަށް ދިން ހަމަލާއެއްގެ ޒިންމާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އުފުލާފައެވެ. ނަމަވެސް، ދުބާއީ ކައިރިން ތެޔޮ ޓޭންކަރަށް ދިން ހަމަލާއާއި ސައުދީ ކައިރިން ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު