ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީކާއިލްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ޚަރަދުތަކަށާއި، މިހާރުގެ ސަރުކާރުން ޑިމޮކްރެޓިކް ނިޒާމަށް ގޮންޖަހަމުންދާ ކަމަށް ބުނާ މައްސަލަތަކަށެވެ.

މީކާއިލް ވިދާޅުވީ، އިންތިޚާބުތައް ބޭއްވުމަކީ ޚަރަދު ބޮޑުވެގެން އުނދަގޫވާ ކަމެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު، ހަގީގީ އިސްރާފު އޮތީ ސަރުކާރުގެ ތެރޭގައި ކަމަށެވެ.

އެގޮތުން، ކުއްލި ހާލަތްތަކަށް ބަހައްޓާފައިވާ ކޮންޓިންޖެންސީ ބަޖެޓުން 560 މިލިއަން ރުފިޔާ ހޭދަކޮށްގެން ތުރުކީން ދެ ޑްރޯން ގަނެފައިވާ ކަމަށާއި، ނަމަވެސް އެ ތަކެތީގެ ބޭނުމެއް މިހާރު ނުކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެއް އަހަރު ތެރޭގައި ދަތުރުފަތުރަށް އެކަނި 290 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށާއި، 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށްފައި ތިބުމަކީ ބޮޑު އިސްރާފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސީ މާޒީއަށް އިޝާރާތް ކުރައްވަމުން މީކާއިލް ވިދާޅުވީ، ރައީސް މުއިއްޒަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި އެއްވެސް އިޞްލާޙީ މަސައްކަތެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދާލަތު ޕާޓީން ފެށިގެން އެމްޑީއޭ، ޕީޕީއެމް އަދި ޕީއެންސީއާ ހަމައަށް ރައީސްގެ ސިޔާސީ ފިކުރު ބަދަލުވެފައިވާކަން ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ އެމަނިކުފާނަށް ޑިމޮކްރަސީގެ އަގު ވަޒަން ނުކުރެވެނީ އެ ސަބަބާ ހުރެ ކަމަށެވެ.

ކުރިއަށް އޮތް އޭޕްރީލް 4 ގެ އިންތިޚާބަކީ ހަމައެކަނި ކައުންސިލަރުން ހޮވުމުގެ އިންތިޚާބެއް ނޫން ކަމަށާއި، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރާ ދަތުރުގެ ފެށުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

އޭނާ ވަނީ މި ސަރުކާރުގެ ހުދުމުޚުތާރު ސިޔާސަތުތަކާ ދެކޮޅަށް ވޯޓު ދިނުމަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު