މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު
މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު
ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ އެންމެ ބޮޑު ބާރަކީ ވޯޓުލުމުގެ ހައްގު ކަމަށްވާއިރު، ކޮންމެ ފަސް އަހަރަކުން ލިބޭ އެފަދަ ފުރުސަތުތައް ހަނިކޮށް، އެއް ފުރުސަތު ބަންދުނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ގޮވާލައްވައިފިއެވެ.

އިލްހާމް މިކަމަށް ގޮވާލެއްވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިލްހާމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ވޯޓުލުމުގެ ހައްގު ކަމަށާއި، ކޮންމެ ފަސް އަހަރަކުން ލިބޭ ދެ ފުރުސަތުގެ ތެރެއިން އެއް ފުރުސަތު ބަންދުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ އަންނަން އޮތް ޖީލުތަކުގެ ހައްގުތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އޭނާ ވަނީ "ތިމާގެ ދަރިންގެ ދަރިންގެ ހައްގަށް އަރައިނުގަތުމަށް" ހަރުކަށި އިބާރާތުން ގޮވާލައްވާފައެވެ.

މީގެ އިތުރުން، ވެރިކަމުގައި ތިބޭ ބަޔަކަށް ބާރުދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް އަނިޔާނުވާ މިންވަރަށް ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ޚަރަދު ކުޑަވާނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ބުނަމުންދިޔަނަމަވެސް، އިލްހާމް ފަދަ ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަނީ އެކަމުގެ ސަބަބުން ރައްޔިތުންގެ ބާރު ކުޑަވެ، ވެރިކަން ކުރާ ފަރާތަށް އޮންނަ ނުފޫޒު ގަދަވެދާނެތީއެވެ.

އެހެންކަމުން، ކުރިއަށް އޮތް ރިފަރަންޑަމްގައި މި ބަދަލަށް "ނޫނެކޭ" ބުނުމަށް އިލްހާމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު