ހުޅުމާލޭ ފޭސް 2 ގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ފުލެޓެއް
ހުޅުމާލޭ ފޭސް 2 ގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ފުލެޓެއް
"ބިންވެރިޔާ" ސްކީމާއި ކުރީގެ އެކި ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތި ދޫކޮށްލުމަށްފަހު މި ސަރުކާރުގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މި ބަދަލަކީ ރައްޔިތުންނާ އެކު ބޭއްވި އެކި ބައްދަލުވުންތަކުގައި، ގިނަ ބަޔަކު އެދެމުންދާ ކަމަކަށްވާތީ، ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ސިޔާސަތަށް ގެނައި ބަދަލެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައިވެސް، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް ނިކަމެތި އާއިލާތައް އެބަތިއްބެވެ.

އަދި އަލަށް ހިއްކާ ސަރަޙައްދުތައް ތަރައްޤީވެ، އެތަންތަނުގައި ގެދޮރު އެޅުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ، އަވަސް ބޯހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށް މި ނިންމުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އައު ފުރުޞަތުގެ ދަށުން، ކުރިން ލިބިފައިވާ ގޯތި ދޫކޮށްލާ އުޞޫލުން ފްލެޓަށް ކުރިމަތިލުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ޖޮއިންޓްކޮށް (ބައިވެރިވެގެން) ގޯތި ލިބިފައިވާ މީހުންވެސް، އެންމެން އެއްބަސްވެ ގޯތި ދޫކޮށްލާނަމަ، ވަކިވަކިން ފްލެޓަށް ހުށަހެޅުމުގެ އިޚުތިޔާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޯޓަލްގެ ތެރެއަށް މި ސްކީމް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ނުވަތަ 3 ހަފުތާގެ ތެރޭގައި ރަސްމީކޮށް މި ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު