އެމްޓީސީސީން 1,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކަށް ވަނީ އިއުލާންކޮށްފައި
އެމްޓީސީސީން 1,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކަށް ވަނީ އިއުލާންކޮށްފައި
މި މަހުގެ ތެރޭގައި އެމްޓީސީސީން 1,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކަށް އިއުލާންކޮށްފިއެވެ.

އިގްތިސާދީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީން މިހާ ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރިޔާސީ އަދި މަޖިލިސް އިންތިހާބާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ބޯމަތިވެފައި ވަނިކޮށެވެ.

ސަރުކާރުގެ ގެޒެޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 91 އިއުލާނެއްގެ ދަށުން ޖުމްލަ 1,185 ވަޒީފާއަކަށް ވަނީ ހުޅުވާލާފައެވެ.

މީގެ ތެރެއިން 600 އަށް ވުރެ ގިނަ ވަޒީފާ އިއުލާންކޮށްފައިވަނީ ފާއިތުވި ދެ ހަފްތާގެ ތެރޭގައެވެ. މި ވަޒީފާތަކުގެ ތެރޭގައި ގިނައީ ވަގުތީ މަގާމުތަކެވެ. އޭގެ ތެރޭގައި ހަ މަސް ނުވަތަ އަހަރެއްގެ މުއްދަތަށް ނަގާ މުވައްޒަފުންގެ އިތުރުން 'ޕްރޮޖެކްޓް ނިޔަލަށް' ނަގާ މުވައްޒަފުން ވެސް ހިމެނެއެވެ.

އެމްޓީސީސީން ވަނީ ސަރުކާރުން އަލަށް ފަށާ ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ތިން ފަހަރެއްގެ މަތިން ވަނީ އިއުލާންވެސް ކޮށްފައެވެ. އެގޮތުން ޖުމްލަ 462 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާންކޮށްފައެވެ. ބައެއް މަގާމުތަކަށް ކުރިމަތިލުމަށް ދީފައިވަނީ 24 ގަޑިއިރަށް ވުރެ ވެސް ކުރު ވަގުތުކޮޅެކެވެ. އަދި މުސާރައިގެ ގޮތުގައި 5,000 އާއި 15,000 ރުފިޔާގެ ދެމެދުގެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވަނީ މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ނުދޭނެ ކަމަށެވެ.

ނަމަވެސް، އެމްޓީސީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މާލީ ހާލަތު ރަނގަޅު ކުރުމަށް ހަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ހިނގަމުންދާ ކަމެއް ކަމަށްވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު