އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ.

މިގޮތުން ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ބޭނުންވާ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ވައިގެމަގުންނެވެ. އަދި ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށް ތަކެތި ފޮނުވަނީ ކަނޑުމަގުންނެވެ. މީގެއިތުރުން މާލެ އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަކެތި މިމަހުގެ 30 އަދި 31 ވަނަ ދުވަހު ފޮނުވުމަށް ވަނީ ތާވަލުކޮށްފައެވެ.

މިއަހަރުގެ އިންތިޚާބުގައި ޖުމުލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމުލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އެއީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. އަދި ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރާނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. އަދި 46 ރަށަކަށް ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީވެސް ކައުންސިލްތަކަށް އިންތިޚާބު ކުރާ އަދަދާ އެއްވަރަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް