އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ތާއީދު ކުރަށްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދު އޮންނަ ހަ މަސް ދުވަހުގެ މުއްދަތަކީ މިހާރު ސިޔާސީ ގޮތުން ހަނގުރާމައެއްގެ ގޮތުގައި ފެންނަ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އިންތިހާބު ދެމެދު އޮންނަ ހަ މަސް މިހާރު ވެފައި މި އޮތީ ހަނގުރާމައިގެ ހަ މަހަށް. ސަރުކާރަށް ޖެއްސުން ކުރުމުގެ ހަ މަހަށް. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަންވީ އެ ހަ މަސް ދުވަހު ސަރުކާރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ އެ މައްސަލަ ހައްލުކުރަން." ފުއާދު ވިދާޅުވިއެވެ.

ހަމައެއާއެކު ފުއާދު ވިދާޅުވީ، ތާރީޚަށް ބަލާއިރު ދެ އިންތިހާބު ދެމެދު ހޭދަވާ މުއްދަތުގައި އޭރަކު އޮންނަ ސަރުކާރަކަށް އިދިކޮޅު މަޖިލީސްތަކުން ދުއްތުރާކޮށް، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާ ކަމަށެވެ. އަދި ރިޔާސީ ނިޒާމަކުން ވެރިކަން ކުރާ ގިނަ ގައުމުތަކުގައި މި ދެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް މިކަމާ ގުޅޭ ނުރަސްމީ މަޝްވަރާތަކެއް ކުރެވުނު ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެކަން ހަނދާން ނައްތާލީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އޭރުވެސް ދެ އިންތިހާބު އެއްކޮށްލުމުގެ ކަންކަން އަވަސްކުރުމަށް އިރުޝާދު ދެއްވި ކަމަށާއި، އެއީ އަންނަން އޮތް ސަރުކާރުތަކަށް ވެސް ފަސޭހަވާނެ ކަމެއް ކަމަށެވެ.

އިންތިހާބުތައް އެއްކޮށްލުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ފުއާދު ވިދާޅުވީ، ވެރިކަމަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ކުރާ ފޯކަސް ކުޑަވެ، ނުފޫޒުން އެއްކިބާވެފައިވާ މަޖިލީހެއް އިންތިހާބު ކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ވޯޓުދޭ މީހާއަށް، ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން ނޭނގި ހުރެ، ގާބިލު ކެންޑިޑޭޓުން ހިޔާރުކުރުމަށް ފަސޭހަވާނެ ކަމަށާއި، އިންތިހާބުގެ ޕްރެޝަރާ ހެދި ސަރުކާރުގެ މައިގަނޑު އަމާޒުތައް ބަދަލުކުރަން ނުޖެހި، މަސައްކަތް ކުރާނެ މާހައުލެއް ގާއިމުވާނެ ކަމަށެވެ.

އޭގެއިތުރުން ފުއާދު ތައުފީގު ވަނީ ދެ އިންތިހާބު އެއްކޮށްލުމަކީ ދައުރުގެ ބޮޑުބައެއް އިންތިހާބުތަކުގައި ހޭދަވާ ހޭދަވުން ކުޑަކޮށް، ގައުމުގެ ހިންގުން ހަރުދަނާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސިފަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު