ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކްރާމް ޙަސަން ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ޙަމަލާ ދިންކަމަށް ބުނާ މައްސަލަ "ރޯޔަލް ގިންތިއަށް" ފައްތައިގެން ކުރިއަށް ނުގެންދިއުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

މާފަންނު މަދަރުސާގައި ކޯވީޑަށް ސާމްޕަލް ނަގާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ގެ މެންބަރަކަށް މެންބަރު އިކްރާމް ހަމަލާދިންކަމަށް ތުހުމަތުކުރާ މައްސަލާގައި ވަރަށް ގިނަބައެއްގެ ފާޑުކިއުން ވަނީ އެމެންބަރަށް އަމާޒު ވެފައެވެ.

އެކަމަށް އިޝާރާތްކުރަށްވައި މެންބަރު ޝިޔާމް ވިދާޅުުވީ "ރޯޔަލް ގިންތިއަށް" ފައްތައިގެން އެޢަމަލު ފުލުހުން ތަޙްޤީގް ނުކޮށްފިނަމަ ކިތަންމެހާވެސް ރަނގަޅުކަމަށެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލަ ތަޙުޤީޤު ކުރުމުގައި ފުލުހުން ފަހަތުފަޔަށް ބުރަވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ. މިމައްސަލައަށް ގިނަބަޔަކު މުޚާޠަބުކުރަނީ "ރޯޔަލް ރޭޕް" ކޭސްގެ ނަމުންނެވެ.

މެންބަރު ޝިޔާމް ވިދާޅުވީ ކުރީ ސަފުގައި، ޚާއްސަކޮށް އާރްއާރްޓީ ގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ އެންމެ ބޮޑަށް ކޮވިޑްގެ ނުރައްކަލަށް ހުށައެޅިގެން މަސައްކަތް ކުރަށްވާ ފަރާތްތައް ކަމަށެވެ. އަދި އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.



އެ ޙާދިސާއާއި ގުޅިގެން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އޭނާ ކަރަންޓީނުގެ ސާދަ ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހަދަން މާފަންނު މަދަރުސާ އަށް ވަޑައިގެން ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި، ޓެސްޓް ހެއްދެވުމުގެ ތެރޭގައި އެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލު އޭނާގެ ސާމްޕަލް ނެގުމަށް ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލެއްވި ކަމަށާއި، އެވަގުތު ތަދުވެގެން އޮފިޝަލުގެ އަތުގައި ހިފައި ދުރަށް ޖެއްސެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް އެހެން ވިދާޅުވި ނަމަވެސް އެހާދިސާ ހިނގި އިރު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މެންބަރު އިކްރާމް އާރްއާރްޓީގެ މެންބަރަށް ދެފަހަރު މަތިން ހަމަލާ ދެއްވި ކަމަށެވެ. "ފޭސް ޝީލާޑާއެކީ މޫނުމަތީގައި ދެފަހަރު ޖެހިތަން ދުށް" ކަމުގައި ޓްވީޓަރގައި މިހާދިސާ ހިއްސާ ކުރެއްވި އާރްއާރްޓީގެ އެހެން މެންބަރަކު ވިދާޅުވެފައި ވެއެވެ. އިކްރާމްގެ މި އަމަލު ކުށްވެރިކޮށް ސިއްހީ ޚިދުމަތްތެރިން ނިސްބަތްވާ ޖަމިއްޔާތަކުން ވެސް ވަނީ ބަޔާން ނެރެ މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

މާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި އަމަލު ހިންގި މެންބަރު ފުލުހަށް ހާޒިރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމެއް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޯވިޑް ޓެސްޓް ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފަރާތްތަކާއި ކަރަންޓީނަށް ދާން ދެކޮޅު ހަދާ ފަރާތްތަކާއި ކަރަންޓީނުގައި ބެހެއްޓުމަށް ގަވާޢިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތައް މީގެ ކުރިން ވަނީ ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށް ކޯޓު އަމުރު ތަކުގެ ދަށުން ބައެއް ފަރާތްތަކަށް ވަރުގަދަ އަމުރުތައްވެސް ތަންފީޒުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން