ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ސަނާކިއުމާއި ކުރުނީސްކުރުން ފިޔަވައި، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހުގައި ކުރަށްވާ ކަމެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުޅުދޫ މީދޫގައި ރޭ ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް އައްޑޫގެ ތަރައްޤީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، މަޖިލީހުގެ މެންބަރުން ތިއްބެވީ އެމީހުންގެ އަމިއްލަ ބާރުތައްވެސް ދޫކޮށްލައްވައިގެން ކަމަށެވެ.

ހަމައެއާއެކު މީކާއިލް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ސަރުކާރުން ރައްޔިތުންނަށް ތަރައްޤީގެ އެކި އުންމީދުތައްދީ، މަޖިލިސް މެޖޯރިޓީ ނެތި މަޝްރޫޢުތައް ނުހިންގޭނެ ކަމަށް ބުނެ ބިރުދެއްކި ކަމަށެވެ. ނަމަވެސް، މިއަދު ފެންނަނީ އެއްވެސް މަސައްކަތެއް ނުހިނގާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު އޮތް މަޖިލީހަކީ އަމިއްލަ ސިކުނޑިން ނުވިސްނާ މަޖިލީހެއް ކަމަށް ސިފަކުރައްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާނެ މަންދޫބުން ހޮވުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު އޮންނަންވާނީ ސަރުކާރުން ބޭނުންވާ ގޮތަށް "ދިމްޔާތުން" ނިންމާ ގޮތަކަށް ނޫން ކަމަށާއި، އެއީ ރައްޔިތުން އިންތިޚާބުކުރާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދޭ ބާރެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންކަމުން، އޭޕްރީލް 4 ގައި ރައްޔިތުންގެ އަޑުއިއްވާނެ މަންދޫބުން ހޮވުމަށް އޭނާ ވަނީ އައްޑޫ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު