ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
މިވަގުތަކީ ދައުލަތުން އިތުރު ވަޒީފާތައް އުފައްދަންވީ ވަގުތެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ޚަބަރަކާ ގުޅިގެން، ކުރީގެ މަޖިލިސް މެންބަރު ނަފާ ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެއްކޮޅުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ހައްދެއްނެތި ވަޒީފާތައް ބަހަމުންދާއިރު، އަނެއްކޮޅުން ވަޒީފާ އުފެއްދުން މަޑުޖައްސާލަން ޖެހޭކަމަށް ބުނުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. މިއީ ސީދާ ރައްޔިތުންގެ "ލޮލުގައި އަނދުން އެޅުވުން" ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.





ނަފާ ނަސީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމަލުތަކާއި ބަސްމަގު ދިމާނުވުމަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ވާހަކަ ދައްކަވަމުން، ސިޔާސީ މަގާމުތަކާއި އެކި ކުންފުނިތަކުން ވަޒީފާ ދެމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން، ދިވެހި ރައްޔިތުންނަކީ ކަންކަން ނޭނގޭ ބައެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށް ބުނެ، ނަފާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވިދާޅުވެފައިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން އާ ވަޒީފާތައް އުފެއްދުން މިވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ވާހަކަތަކާ ޚިލާފަށް ސަރުކާރުގެ އެކި ދާއިރާތަކުން އަދިވެސް ދަނީ އާ ވަޒީފާތައް އުފައްދައި އައްޔަންކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު