އުނގުލު
އުނގުލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރ. އުނގުލަކީ އުނގޫފާރުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ރަށަށް އަރައި ފޭބޭނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށާއި އެ ރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ކަމަށް އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުނގުލަކީ އުނގޫފާރު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ ރަށާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި ވަކި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. މި އުސޫލުގައި މައިގަނޑު ހަ ކަމެއް ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ބުނީ އުނގުލަށް އެރުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނާއި، އެ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއި އެ މީހުންގެ ދަރިންނަށް އެކަންޏެވެ. މި ހުއްދައަށް އެދުމަށްޓަކައި ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމު ފުރިހަމަކުރަން ޖެހެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ހުއްދަ ލިބޭ ފަރާތްތަކަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 އާ ދެމެދު އުނގުލަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން، އެ ރަށުން ކާށި ހޮވުމާ ގުޅޭގޮތުން ވެސް ކައުންސިލުން ވަނީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ރަށުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލަށް ދޭންޖެހޭނެއެވެ. ކައުންސިލަށް ލިބޭ މި ކާށިތައް ވިއްކުމަށް ހަމަޖެހިފައިވަނީ އުނގުލުން ގަންނަ ނަމަ ކާއްޓެއް 5 ރުފިޔާއަށް، އަދި އުނގޫފާރުން ގަންނަ ނަމަ 7 ރުފިޔާއަށެވެ. ކާށި ފިޔަވައި ކުއްޅަވައް، ފަން އަދި މިދިލި އޮށް ހޮވާ މީހުންނަށް އެ ތަކެތި ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވަނީ ރުއްގަހަށް އެރުމާއި، ރުއް ކެނޑުމާއި، ދިގު ދަނޑި ބޭނުންކޮށްގެން ރުއްއެޅުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

"މި ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މި ކައުންސިލުން އަޅަމުންދާނެ،" ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ރ. އުނގުލަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރުގެ ކުރީކޮޅު އެ ރަށުގެ މީހުން ވަނީ ހުޅުދުއްފާރަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު