ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގަނީ މުޅި އާއިލާއާ ވާހަކަދައްކައިގެން އެއްވެސް މެމްބަރަކު އެ ކުއްޖާއާ ހަވާލުނުވާ ހާލަތުގައި ކަމަށާއި، މި ވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 152 ކުދިން ކަމަށް ސޯޝިއަލް ފެމިލީ އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނޮވެމްބަރު 2023 ގައި ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިބި ނަމަވެސް، މިހާރު އެ އަދަދު 152 އަށް ތިރިވެފައިވާ ކަމަށެވެ. މި ކުދިން ބަލަހައްޓަމުންދަނީ އަތޮޅުތަކުގައި ގާއިމުކޮށްފައިވާ "އަމާންވެށި" ތަކުގައެވެ.

މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީ، މުޖުތަމައަށް ބޭނުންތެރި ރަނގަޅު ރައްޔިތުންގެ ގޮތުގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން މިހާރު އަލަށް ފެށިގެން އުޅޭ ނޭޝަނަލް ސާވިސްގެ ތެރެއިންވެސް އެ ކުދިންނަށް ކުރިއަށްދެވޭނެ މަގުތައް ހަމަޖެހިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ކުރިން އެ ކުއްޖެއްގެ އާއިލާގެ ހުރިހާ މެންބަރުންނާ މަޝްވަރާކުރެވޭ ކަމަށެވެ. އަދި އާއިލާގެ ތެރެއިން އެއްވެސް މީހަކު އެ ކުއްޖަކާ ހަވާލުވާން ތިބިތޯ ބަލައި، އާއިލީ ވެއްޓެއްގެ ތެރޭގައި ކުއްޖާ ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިސްކަންދޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ދެން އޭގެފަހުން އަޅުގަނޑުމެންނަށް ދައުލަތަށް ނެގޭ ހިސާބަށް މި އަންނަނީ،" ކޮންމެ ކުއްޖަކަށްވެސް އާއިލީ ވެއްޓެއް މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުތަކާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ ވެށީގައި ބޮޑުވުމަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ ނުވަތަ އާއިލީ ވެށީގައި ބަލައިބޮޑުކުރުމަށް ހަވާލުވާ ފަރާތްތަކަށް، އަންހެނުން ވިހެމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނު ކުރަށްވާފައެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކުދިން ފޮސްޓަރކުރާ ފަރާތްތަކަށް މި ޗުއްޓީ ލިބޭނެ އިންތިޒާމް އަންނަ އޭޕްރީލް މަހުން ފެށިގެން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް، ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު