އީޝާ އަޝްރަފްގެ ބައްޕަ، ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި
އީޝާ އަޝްރަފްގެ ބައްޕަ، ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ދާދި ފަހުން ވަކިކުރި އާއިޝަތު އީޝާ އަޝްރަފްގެ ބައްޕަ، އިބްރާހީމް އަޝްރަފު ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދީފިއެވެ.

އީޝާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ތެރެއިން ކުރިމަތިވި ނުފޫޒުތަކެއްގެ ސަބަބުން މަގާމުގައި ދެމިހުރުމަށް ހުރަސްތަކެއް ކުރިމަތިވުމުން ކަމަށެވެ.





އީޝާ ހާމަކުރި ގޮތުގައި އޭނާގެ ބައްޕަ އިސްތިއުފާ ދޭން މަޖުބޫރުވީ، ސަރުކާރުން ބައްޕަގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި، އެ މައްސަލަ ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހިސާބުންނެވެ.

ނަމަވެސް، ކޯޓު މަރުހަލާގެ ތެރެއިން ބައްޕައަށް އިންސާފު ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. މި ހާދިސާތަކާ ގުޅިގެން، އީޝާ އާއި އޭނާގެ ބައްޕަ މި ސަރުކާރަށް ކުރަމުން އައި ތާއީދު މިހާރު އަނބުރާ ގެންގޮސްފައިވާކަންވެސް އޭނާ ވަނީ އިއުލާންކޮށްފައެވެ.

ހުދު އިބްރާހީމް އަޝްރަފްވެސް ވަނީ އިސްތިއުފާދިން ކަން ހާމަކޮށް އެވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އީޝާ އަކީ މީގެ ކުރިން މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ، ސަރުކާރު ދިފާއުކުރުމުގައި އިސްކޮށް އުޅުނު ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު