ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު- ފޮޓޯ: ޕީއެސްއެމް
ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު- ފޮޓޯ: ޕީއެސްއެމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާގެ އޮނިގަނޑަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއެކު، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1:10 (އެކެއް އިޒްޓު ދިހައެއް) ރޭޝިއޯ އިން ބައިކުރުމުން، ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއެއްގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ހިއްސާ ގަނެވިއްކާ މިންވަރު އިތުރުވެ، ބާޒާރަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ބެންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓްވީމަ ހިއްސާގެ އަގުދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް،" މަނިކު ވިދާޅުވިއެވެ.

މަނިކު އިތުރަށް ވިދާޅުވީ، ހިއްސާގެ އަގުތައް މިހާރު ހުރީ ވަރަށް މަތީ އަގެއްގައި ހިފެހެއްޓިފައި ކަމަށާއި، އަގު ކުޑަވުމުން ބޭންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވާނެ ކަމަށެވެ. އަދި ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް މިފަދަ ބަދަލުތައް ގެނައުމަކީ ސީއެމްޑީއޭގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އޭގެ ފައިދާ އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވީ، ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވުމުން އާންމުންނަށް އަތްފޯރާ ފަށަށް ހިއްސާ އަންނާނެ ކަމަށެވެ. މީގެ ކުރިން ހިއްސާ ގަންނަން ބޭނުންވާ މީހުން ގިނަ ނަމަވެސް، ވިއްކާނެ މީހުން މަދުކަން ފާހަގަކުރައްވައި އައުޝަން ވިދާޅުވީ މި ބަދަލާއެކު ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އައުޝަން ދެއްވި މިސާލެއްގައި ވިދާޅުވީ، މިހާރު 100 ހިއްސާ އޮންނަ މީހަކު އެ ވިއްކާލަން ބޭނުންނުވެދާނެ ކަމަށާއި، ނަމަވެސް ބަދަލާއެކު އެ އަދަދު 3,000 އަށް އިތުރުވުމުން އޭގެ ތެރެއިން ބައެއް ވިއްކާލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ބީއެމްއެލްއިން ހިއްސާގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ މައިގަނޑު ބަދަލުތަކަކީ:

- ބޯނަސް ހިއްސާ ދޫކުރުން: 18 މާރިޗު 2026 އާ ހަމައަށް ހިއްސާ އޮތް ފަރާތްތަކަށް، ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ހިލޭ ދޫކުރުން.

- ހިއްސާ ބައިކުރުން: 1:10 ރޭޝިއޯ އިން ހިއްސާ ބައިކުރުން.

މި ބަދަލުތަކާއެކު ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. ނަމަވެސް މީގެ ސަބަބުން ހިއްސާދާރުގެ އަތުގައިވާ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެއެވެ.

ބޭންކުން މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އިންވެސްޓަރުންނަށް ކުޑަ އަގެއްގައި ހިއްސާ ގަނެވޭނެ މަގު ފަހިކޮށްދިނުމާއި، ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުން މާކެޓް ލިކުއިޑިޓީ އިތުރުކުރުމާއި، މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުމަކީވެސް ބޭންކުގެ އަމާޒެކެވެ.



ކިޔުންތެރިންގެ ހިޔާލު