އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާއިލް
އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާއިލް
ދިވެހި ދަޢުލަތުގެ އިޤްތިޞާދީ ވަޒީރަކަށް ހުންނަވައިގެން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާ ނުލައްވާނެކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޗައިނާއާއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ އެއްބަސްވުމެއްކަމަށެވެ. އޭރުގެ ރައްޔިތުންގެ މަޖިލީހަށް 1000 ޞަފްޙާގެ އެ އެއްބަސްވުން ބަލާލަން ލިބުނީވެސް ގަޑިއެއްއާއިރު ކަމަށާއި، ނަމަވެސް އެ އެއްބަސްވުމުގައި ހުރި ކަންތައްތަކުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ އޭނާ އިޤްތިޞާދާބެހޭ ވަޒީރަކަށް ހުންނަވައިގެން އެފަދަ އެއްބަސްވުމެއް އެކުލަވާނުލައްވާނެކަމަށާއި، ނަމަވެސް މިނިވަން ވިޔަފާރީގެ ކަންކަމާ ވާހަކަ ދައްކާ އިތުރަށް ކަންކަން ރަނގަޅުކުރެވިދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ޗައިނާއިން ޑިއުޓީއެއްނެތި މުދާ އެތެރެކުރެވުނު ނަމަވެސް ޗައިނާފަދަ ބޮޑު ޤައުމަކުން އެތެރެކުރެވޭ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނެގުމަށްފަހު އެހެން ޤައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުން އޮތް ޤައުމުތަކާއިއެކު އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއްކަމަށެވެ.

"ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިންވެސް ވައްދާނީ ޗައިނާ އެއްޗެހިތާ. ދެން އަލުން އަޅުގަނޑުމެން ބަލާލާއިރު އެސްޓަބްލިޝް ކޮށްފަހުރި ވިޔަފާރީގެ ގުޅުންތައް އަލުން ފަށްޓާނެ ޖާގައެއް ނޯންނާނެ." އިޤްތިޞާދީ ނަޒަރުން ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޗައިނާ އާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ހަދަންޖެހޭ އެއްވެސް ޤާނޫނެއް ހަދާފައި ނެތުމުން، އެ އެއްބަސްވުމުގެ ފައިދާއެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް މިދިޔަ ހަފުތާގައި މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އަމީރުގެ ވާހަކަތަކަށް ތާޢީދު ކުރަށްވައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވީ އެ އެއްބަސްވުމުގެ 165 ވަނަ މާއްދާގެ ދަށުން ޗައިނާގެ ފްރީޓްރޭޑް އެގްރިމަންޓަށް އަމަލު ކުރެވެން އަންނަނީ ދެ ގައުމުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން އަދި އެކަންކަން ފުރިހަމަކޮށްފައި ނުވާތީ، ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީޓްރޭޓް އެގްރިމަންޓެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު 2017 ވަނަ އަހަރު އެކުލަވާލި އެގްރިމަންޓުގައި 12 އެއްބަސްވުމެއް ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން