މިއީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމެއް: ދެ އިންތިޚާބު އެއްކޮށްލުމަށް ގެންނަ އިސްލާހަށް އިބްރާގެ ފާޑުކިޔުން
މިއީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމެއް: ދެ އިންތިޚާބު އެއްކޮށްލުމަށް ގެންނަ އިސްލާހަށް އިބްރާގެ ފާޑުކިޔުން
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަކީ ސިޔާސީ ވަކި މަޤްޞަދެއް ހާސިލްކުރުމަށްޓަކައި، އެކަށީގެންވާ އިންތިޤާލީ މަރުހަލާއެއް ނެތި ކުރަން އުޅޭ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ޚާއްޞަ މަޖިލީހުގެ މެންބަރު އަދި ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ) ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.

އިބްރާ ވިދާޅުވީ، މި ބަދަލު ގެނައި ކަމުގައިވިޔަސް، ދެ އިންތިޚާބު އަބަދުވެސް އެއް ދުވަހެއްގައި ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، މަޖިލީހުގެ ދައުރު ވަކި ހާލަތްތަކެއްގައި އިތުރުވުމުގެ ފުރުސަތު އޮތުމުން އިންތިޚާބުތަކުގެ ތާރީޚުތައް ވަކިވެގެން ދާނެ ކަމަށެވެ.

އިބްރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ އަސްލު މަޤްޞަދުތައް ރަނގަޅަށް ނޭނގި ނުވަތަ ނުބަލައި، ނުބައި ނިޔަތެއްގައި އިރުއިރުކޮޅާ މިފަދަ ބަދަލުތައް ގެނައުމަކީ ނުރައްކާތެރި ކަމެކެވެ.

މި ބަދަލުގެ ސަބަބުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް ހުދުމުހުތާރު ނިޒާމަކަށް ފުރޮޅިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ބަދަލުތަކުން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް ގެއްލިދާނެތީ، މި އިސްލާހަށް "ނޫނެކޭ" ބުނުމަށް އިބްރާހިމް އިސްމާއީލް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި އިސްލާހަކީ މިހާރުގެ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަން މަސައްކަތްކުރާ ބަދަލެއް ނަމަވެސް، އިބްރާ ވިދާޅުވަނީ ޤާނޫނުއަސާސީއަށް މިފަދަ އަވަސް އަދި ނުފުރިހަމަ ބަދަލުތައް ގެނައުމުގެ ބަދަލުގައި، އޮތް ގޮތަށް އެ ނިޒާމު ހިނގޭތޯ ބެލުމަކީ އެންމެ ހެޔޮ ގޮތް ކަމަށެވެ.

މީގެ ކުރިން ޤާނޫނުއަސާސީ އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ވަނީ މިކަމުގައި ވަރަށް ބޮޑަށް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު