ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. 

ޖެންޑަރ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އިރުޝާދުގެ ދަށުން އެ ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށް ވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ޖެންޑާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކާއި، މޮނިޓާ ކުރުމުގެ ޒިންމާ އަދާކުރާ އިދާރާތަކަށް އެންގުމަށްފަހު، ޕޮޒިޓިވްވި ކުދިންނާއި އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި މި ކުދިން ބެލެހެއްޓުމަށް ތިއްބެވި ކެއާ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލު ނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ދެ ކުއްޖަކު ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރިއިރު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން 89 ކޮންޓެކްޓުން ދެނެގަނެ، އިތުރު 4 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެމީހުން ނަތީޖާ ނެގެޓިވްވެފައިވާއިރު މިހާރު ކުޑަކުދިންގެ ހިޔާއިން ޖުމްލަ 86 ސާމްޕަލް ނެގިފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތިން ޖުމްލަ 23 މީހަކު މިހާރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ކުދިންނާއި ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ 11 މީހުންނާއި ސީނިއަރ މުވައްޒަފަކު ވެސް ހިމެނޭއިރު މިއަދު އެ މަރުކަޒުން އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާއިން ދެ ކުދިން ޕޮޒިޓިވްވެފައިވާއިރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެ އެވެ. އެ މީހާއަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާ ފަންގިފިލާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މި ޕޮޒިޓިވް ކޭސްއާ ގުޅިގެން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. މި ކުދިން ޓެސްޓް ކުރިއިރު 8 ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގެ ކުއްޖަކު ހިމެނޭތީ އެ ކުއްޖާ ކެއާވޯކަރާއިއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން