ހަނިމާދޫގައި ކުރި މުޒާހަރާ
ހަނިމާދޫގައި ކުރި މުޒާހަރާ
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމާ މެދު އުފެދިފައިވާ ނުތަނަވަސްކަމަކީ، މި ދުވަސްވަރުގެ ގޮތުން ދިމާވެފައިވާ ސިޔާސީ ކަމެއްގެ ގޮތުގައި މިނިސްޓަރ ފޯ ލޯކަލް ގަވަނަންސް އާދަމް ޝަރީފް އުމަރު ސިފަކުރަށްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ މީހުން ބަދަލުކުރުމަކީ އެ މިނިސްޓްރީގެ ސީދާ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް، ސަރުކާރުން ވަރަށް ގާތުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެންމެ ފުރަތަމަ ހަނިމާދުއަށް ހިރިމަރަދޫ މީހުން ބަދަލުކުރުމުގެ މަޝްވަރާތައް ފެށުނުއިރު، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ހިރިމަރަދޫ މީހުން ބަދަލުކުރާއިރު ހަނިމާދުއަށް ލިބެންޖެހޭ ކުރިއެރުންތަކާއި އަސާސީ ޚިދުމަތްތަކެއް ހުރިކަން އެ ދުވަސްވަރު ވެސް ރަށުގެ ރައްޔިތުން ފާހަގަކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މައްސަލަ ހޫނުވެފައިވަނީ ހަނިމާދޫގެ ރައްޔިތުންނަށް ގޯތި ނުދީ، ހިރިމަރަދޫ މީހުން އެ ރަށަށް ގެންގޮސް ގޯތި ދޭން އުޅޭތީ އެކަމާ މެދު ރައްޔިތުން ދެކޮޅު ހަދަން ފެށުމުންނެވެ. މިކަމަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މިހާރު އުފެދިފައިވާ މި ނުތަނަވަސްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ހިނގާ ސިޔާސީ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިހާރު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމާ މެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރަށް ވާތީ ހިނގާ ސިޔާސީ ކަމެއް ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ. އެއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައަކަށް ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އޭގެއިތުރަށް މިނިސްޓަރު ވިދާޅުވީ، ދެ ރަށުގެ ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް މިކަން ހައްލުކުރުމުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި ހުންނާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އަދި މީހުން ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމުން މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ.

އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ހަނިމާދޫ ރައްޔިތުން ވަނީ މިކަމާ ގުޅިގެން ފުލުހަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ ކަމުގައި ޖިނާއީ ކުށެއް އެކުލެވިފައި ނުވާތީ މައްސަލައަށް މަދަނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި، ނަމަވެސް ބަދަލުވުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރައްވާނެ ކަމަށެވެ. ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގައި ދިރިއުޅެނީ 293 މީހުންނެވެ. އެ ރަށުގެ މީހުން ބަދަލުކުރަން ނިންމުމާ ގުޅިގެން، މިހާރު ހިރިމަރަދޫން ގޯތި ދޫކުރުން ވަނީ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު