ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ)
ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ)
މާލޭގެ ގަލޮޅު މޯޗަރީ ސަރަޙައްދުގައި ހުންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާރިޗު މަހުގެ 18 ވީ ބުދަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ޝަޙްބާންގެ މައްޗަށް ކުރާ ސީދާ ތުހުމަތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ. އެ ސަރަހައްދުގެ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވި ހިޔާރޯދިގެއަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. އަދި އެ ގޭގައި ކަރަންޓުގެ ޚިދުމަތްވެސް މެދުކަނޑާލާފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އެނގިފައިވެއެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ހޮންޑާ ވޭވް ސައިކަލެއްގައި އައި މީހަކު އެ ގެއަށް ވަދެއެވެ. އެގޮތުން ހެނދުނު 10:33 ގައި އެ މީހާ ގެއަށް ވަދެ، 10:39 ގައި ގެއިން ނުކުމެއެވެ. އޭނާ ނުކުތްތާ އެންމެ މިނެޓެއްގެ ތެރޭގައި، 10:40 ގައި ގޭގެ ބޭރަށް ދުން އަރަން ފެށި މަންޒަރާއި، އެވަގުތު ގޭތެރޭގައި ތިބި މަސައްކަތްތެރިން ބޭރަށް ނުކުތް މަންޒަރު ފޫޓޭޖުން ފެންނަން ހުއްޓެވެ. ފޫޓޭޖުން ފެންނަ ގޮތުގައި އެ މީހާ ސައިކަލުގައި ދަމުންވެސް އެ އިމާރާތާ ދިމާލަށް ފަސްއެނބުރި ބަލާލައެވެ.

މި ހާދިސާ ހިނގިއިރު، އެ ގެ ސާފުކުރުމުގެ މަސައްކަތަށް ބަޔަކާ ހަވާލުކޮށްފައިވާތީ، ހެނދުނު 9:00 އިން ފެށިގެން ބިދޭސީ މަސައްކަތްތެރިން އެގޭގައި ހުރި ފަރުނީޗަރާއި ކުޑަކުދިންގެ ސާމާނުތައް ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުންދިޔައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ވަދެފައިވަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށެވެ. އެ ވަގުތު މަސައްކަތްތެރިން ތިބީ ދެވަނަ ފަންގިފިލާގައެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި، ގޭތެރޭގައި ތިބި އެއްވެސް މަސައްކަތްތެރިއަކަށް އެ މީހާ ވަން ތަނެއް ނުފެނެއެވެ. އަދި ފުރަތަމަ ދުން އަރަން ފެށީވެސް ފުރަތަމަ ފަންގިފިލާއިން ކަމަށް އޭނާ ބުންޏެވެ. މިކަމާ ގުޅިގެން އާންމުން ތުހުމަތު ކުރަނީ މިއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށެވެ. "މިއީ ގަސްތުގައި ރޯކޮށްލާފައިވާ އަލިފާނެއް ކަމަށް ބެލެވެނީ. އަމިއްލައަށް އިއްތިފާގަކުން ރޯވާނެ ގޮތެއް ނެތް،" އެ ސަރަހައްދުގެ މީހަކު ބުންޏެވެ.

ގަޑިއިރެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، އެ ގެ ވަނީ އެއްކޮށް އަނދާފައެވެ. އަދި ކައިރީގައި ހުރި ބައެއް އިމާރާތްތަކަށްވެސް އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު