ޑޮނާލްޑް ޓްރަމްޕް
ޑޮނާލްޑް ޓްރަމްޕް
މިދިޔަ ހޮނިހިރު ދުވަހު، ޓުރަމްޕު ވަނީ އީރާނަށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގޮވާލާ، އަދި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެހެން އެކަން ނުކޮށްފިނަމަ އީރާނުގެ އިންޖީނު ގެތައް ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެއާ ވިދިގެން އީރާނުންވެސް ވަނީ އީރާނުން ގޮއްވާ ކޮންމެ އިންޖީނުގެއަކަށް އިންޖީނުގެއެއް ގޮއްވާލާނެކަމަށް ބުނެ ރައްދު ދީފައެވެ.

އޭގެ ފަހުން، މިއަދު، ޓްރަމްޕު ކުރެެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނަށް ދޭން ނިންމި ހަމަލާތައް ފަސްކޮށްލި ކަމަށާއި އިތުރު ފަސް ދުވަހުގެ މުހުލަތެއް އީރާނަށް ދީފައިވާ ކަމަށެވެ. ޓްރަމްޕުގެ މި ޕޯސްޓު ޖަހައިފައިވަނީ، އޭނާ އީރާނަށް ދިން 48 ގަޑިއިރުގެ ބާކީ 12 ގަޑިއިރު އޮއްވައެވެ.

އަދި ވޭތުވެދިޔަ ދެދުވަހު މެދުކެނޑުމެއްނެތި ދެ ގައުމު ދޭތެރޭގައި ރަނގަޅު މަޝްވަރާތަކެއް ކުރެވެމުން ދާކަމާއި މި މަޝްވަރާތައް ހަފްތާއަކަށް ދެމިގެން ގޮސްދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކަކީ މިހާރު ކުރިއަށް ދާ މެދުއިރުމަތީގެ ހަމަނުޖެހުންތައް އެއްކޮށް ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކެއް ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.



ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގިނަ ގައުމުތަކަކުން ގޮވާލަމުން ދާއިރު، އީރާނުން ވަނީ އެ މީހުންގެ ޝަރުތުތަކުގައި ދެމިތިބެން ނިންމާފައެވެ. އެޝަރުތުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާގެ އެކުވެރި އަދި އެދެގައުމުގެ އަމަލުތަކަށް ސަޕޯޓުކުރާ ގައުމުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން ހުއްދަނުދޭން އީރާނުން ވަނީ ނިންމާފައެވެ. ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން މިހާތަނަށް ހުއްދަ ދިން ގައުމު ތަކުގެ ތެރޭގައި ޖަޕާން، އިންޑިއާ އަދި ސްރީލަންކާގެ ބައެއް ބޯޓުތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު