ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ގާތުގައި އަހަން ނިންމާފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް އޮތް ސުވާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، މިހާރު ވޯޓު ކަރުދާހުގައި އޮތް ސުވާލަކީ އޭގެ މާނަ އޮޅޭ ގޮތަށް އޮތް ސުވާލެއް ކަމަށާއި، މިއީ ޤާނޫނުއަސާސީގެ ރޫޙާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

ބިގޭ ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ސަރުކާރުގެ ވެރިން ރައްޔިތުންގެ ގާތަށް ދިއުން މަދުވެ، ރައްޔިތުންނަށް ޖަވާބުދާރީވުން ކުޑަވެގެންދާނެއެވެ.

އިންތިޚާބުތައް ގާތްގާތުގައި އޮންނަ ނަމަ، ކަންކަން ކޮށްދިނުމަށާއި ރައްޔިތުންގެ ޝަކުވާތައް އެހުމަށް ވެރިން ރަށްރަށަށް ޒިޔާރަތްކުރާ ކަމަށާއި، ނަމަވެސް އިންތިޚާބުތައް އެއްކޮށްލުމުން ފަސް އަހަރުން އެއްފަހަރު ނޫނީ ވެރިން ލޮލުކޮޅަށް ވެސް ނުފެންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ބާރުތައް އެއްކޮށް، ރައްޔިތުން ބިކަކޮށް އަޅުވެތިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް މި ސަރުކާރުން އަތުލަމުންދާ ކަމަށް ބިގޭ ތުހުމަތުކުރެއްވިއެވެ. އަތޮޅު އޮފީސްތައް އުވާލުމާއި ރަށްރަށުގެ އިޚްތިޞާޞްގެ ތެރެއިން ބާރުތައް ނެގުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ބާރުތައް ހިމާޔަތްކުރުމަށްޓަކައި މި ރެފަރަންޑަމްގައި "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު