ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރޭގައި، ޔޫއޭއީގެ ފުޖޭރާ ސިޓީ ހިމެނޭ ސަރަހައްދަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި ތިބި ދިވެހި ތިން ދަރިވަރަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ޚަލީލް މިއަދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ތާށިވެފައިވާ ދިވެހިން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ހާލަތު ގޯސްވަމުންދާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އެ ސަރަހައްދުގެ ގައުމުތަކުގެ ސަރުކާރުތަކާ މަޝްވަރާކުރަމުން. އެ ގައުމުތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ދިވެހި ސަރުކާރުން އަމަލުކުރަމުންދާނީ." މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އެ ގައުމުތަކުގެ ސަރުކާރުތަކުން ނެރޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަންދީ، އެއާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރަށްވާފައެވެ. ސަރުކާރުގެ އަމާޒަކީ ބޭރު ގައުމުތަކުގައި ތިބި ދިވެހި ކޮންމެ ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށްވެސް ޑރ. ޚަލީލް މިއަދު ފާހަގަ ކުރަށްވާފައިވެއެވެ.

ހަމައެހެންމެ މިވަގުތު އެންމެ އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވާތީ، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާ މަޝްވަރާކޮށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޤައުމުތަކުގެ މަޢުލޫމާތު ވަޒީރު ހާމަކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ ތެލުގެ ކަންކަމުގައި މަޝްވަރާކުރަމުން ދަނީ ވަކި ޤައުމަކަށް ބަރޯސާ ނުވެ އެ ޚިދުމަތް ޑައިވަރސިފައި ކުރުމަށް ކަމަށާއި، ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓްތަކާ އެކު ކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، ހަނގުރާމަ ދިގުލައިގެން ދާނަމަ ސަރުކާރުގެ ޚަރަދު ކުޑަކުރާނެ ޕްލޭންތައް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށް ވެސް ވަޒީރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު