ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު, ފޮޓޯ: ބީއެމްއެލް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު, ފޮޓޯ: ބީއެމްއެލް
ސަރުކާރުން ކުރިއަށްގެންދާ ހެޔޮ އަގުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްގީކުރާ 1,224 އެފޯޑަބަލް ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ހާއްސަކޮށްގެން ހިންގާ ސޯޝަލް ހައުސިން ސްކީމުގެ މުހިންމު ބައެކެވެ.

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ އަސާސީ ޝަރުތަކީ މާލޭ މީހަކަށް ވުމާއެކު، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވުމެވެ. މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި އިމާރާތްކުރާ ތިން ކޮޓަރީގެ 3,260 ހައުސިން ޔުނިޓަކީ "ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން، މަހަކު 60,000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށްފައިވާ ތަންތަން ކަމަށެވެ. މިއީ ކުލި ދައްކަމުން ގޮސް ވަކި މުއްދަތެއްގެ ފަހުން އަމިއްލަ ކުރެވޭ "ރެންޓް-ޓު-އޯން" މޮޑެލްގެ ދަށުން ދޫކުރާނެ ފްލެޓުތަކެކެވެ.

މިނިސްޓަރު މުއްތަލިބުގެ ވާހަކަފުޅުގައި، މާލޭގެ އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތި ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ނޭވާލާ މެޝިނުގެ އެހީގައި އުޅެމުންދިޔަ ޒުވާނަކު ހިއްސާކުރި ދަތި ހާލަތު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަރަށް ކުޑަ ޖާގައެއްގައި ބޮޑު އާއިލާއެއް ދިރިއުޅެން ޖެހުމުން ކުރިމަތިވާ ސިއްހީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު މަގުސަދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެމްއޭ އިން މިހާރު ވަނީ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" ތައާރަފުކޮށްފައެވެ. މި ސްކީމުގެ ދަށުން، ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ 10 އާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު