މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
ކުރިއަށް އޮތް ރެފަރެންޑަމްގައި ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓުލުމުގެ އިޚްތިޔާރު އޮތްކަމަށާއި، ބިރުދެއްކުމުގެ ފުރުސަތު މިހާރު ނެތްކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންނަށް މުހިންމު މެސެޖެއް ދެއްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސަރުކާރުން މި ރެފަރެންޑަމް ކުރިއަށް ގެންދަން ބޭނުންވާ ސަބަބުތަކަކީ އޭނާ ގަބޫލު ކުރަށްވާފަދަ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ދައްކާ ވާހަކަތައް އޭނާއަށް ޤަބޫލު ނުކުރެވޭތީ، މި ވޯޓުގައި "ނޫނެކޭ" ބުނަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"މި ވޯޓުލުމަށް ރައްޔިތުންނަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެބަހުރި. އެހެންނަމަވެސް ބޮޑު ފުރުސަތެއް ލިބޭ އެންމެން ގޮސްފަ ވޯޓުލުމުގެ އިޚްތިޔާރު އެބައޮތް ހަމަ ވޯޓު ދެއްވަންވީ. އޮޕޮޒިޝަން އެއްކޮށް ހަމަ މިގޮތަށް މަސައްކަތް ކުރެއްވީމާ ސަރުކާރު ޑިފީޓްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އިންތި ވިދާޅުވިއެވެ.

ހަމައެއާއެކު އިންތި ވިދާޅުވީ، ވެރިކަން ކުރާ ފަރާތަށް ދައުލަތުގެ ވަސީލަތްތަކާއި، ވަޒީފާތަކާއި ފައިސާގެ ބޭނުން ހިފުމުގެ ބާރު އޮތުމަކީ އިންތިޚާބުތަކުގައި ގާތްގަނޑަކަށް 35 އިންސައްތަ ކުރިންވެސް ކަށަވަރުވެފައި އޮތުން ކަހަލަ ކަމެއް ކަމަށެވެ. ނަމަވެސް، ވޯޓުލާ މަރުކަޒަށް ވަނުމަށްފަހު ރައްޔިތުންނަށް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެންވެސް ރައްޔިތުންނަށް އޮތް ބާރުވެރިކަމަކީ ވޯޓު. މިހާރު ކައިރިއަށް އައިސް ބަޑިޖައްސައިފަ އެހެން ނުހެދޭނެ ވޯޓުލާއިރު. މިނިވަންކަމާ އެކު ގޮސް ވޯޓު އަޅަންވީ. ކޮންމެ ބޭފުޅަކަށްވެސް ރިފަރެންޑަމްގައި ހަމަ ނޫނެކޭ ޖެހިދާނެ،" އިންތި ވިދާޅުވިއެވެ.

މި އިންތިޚާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އިންތި ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާ މިފަދަ ބޮޑު އިންތިޚާބެއް ބާއްވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންގެ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ރެފަރެންޑަމަކީ ސަރުކާރަށް ނުހަނު މުހިއްމު ކަމަކަށް ވާތީ، ދައުލަތުގެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރާނެ ކަމަށް ބެލެވޭތީ، ރައްޔިތުން ސަމާލުވެ، މިނިވަންކަމާއެކު ގޮސް ވޯޓު ދިނުމަށް އިންތި ވަނީ ބާރުއަޅުއްވާފައެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސްފައެވެ. ގާނޫނުއަސާސީގައިވާ ގޮތުން މިފަދަ އިސްލާހަކަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން އެކަން ފާސްވުމުންނެވެ. އެހެންކަމުން، މިކަމާ ގުޅޭ ފެންނަނުފެންނަ ވޯޓު ނެގުން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް އީސީން ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު