އަހުމަދު ޝާހް   20 މާރިޗު 2026 - 8:42
ޢީދު ނަމާދު
ޢީދު ނަމާދު
މިއަދަކީ ބަރަކާތްތެރި ފިޠުރުޢީދު ދުވަހެވެ. މިއީ މާތް الله އަޅަމެންނަށް ދެއްވި ހިދާޔަތަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް ތަކުބީރުގެ އަޑު އުފުލަންވީ ދުވަހެވެ. މުސްލިމުންގެ ޢީދު ޒީނަތްތެރިކުރަންވީ ތަކުބީރުގެ މާތް އަޑުންނެވެ. މި ބާއްޖަވެރި ދުވަހު، މާތް الله އަޅަމެންނަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދުމަކުރަންޖެހެއެވެ. އެކަލާނގެ އަޅަމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީނެވެ. މި މަތިވެރި ދީންމަތީގައި ސާބިތުވެ ތިބުމަކީ ކޮންމެ މުސްލިމަކަށްމެ އޮތް ވަޞިއްޔަތެކެވެ. ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރެވުނީތީއާއި، އިސްލާމްދީނުގެ ހިދާޔަތުގައި ލެހެއްޓެވިކަމަށްޓަކައި ގިނަގިނައިން ތަކުބީރުކިޔައި އެކަލާނގެ ހަނދުމަކުރުމީ ޢީދުގެ އެންމެ މުހިންމު އެއް އަދަބެވެ.

މުސްލިމުންގެ ޢީދުން ފެންނަނީ އެބައިމީހުންގެ އެއްބައިވަންތަކަމާއި ބަދަހި ގުޅުމެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން، އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަ އޯގާތެރިކަމެވެ. ފަޤީރުންނާއި މުއްސަނދިންގެ މެދުގައި އުފެދޭ ރަޙުމަތްތެރިކަމެވެ. މިއީ އެންމެން އެކުގައި މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް ތަކުބީރުކިޔާ މަންޒަރު ފެންނަ އުފާވެރި ދުވަހެކެވެ. ވީމާ، ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، އެކުވެރިކަން އާލާކުރުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހެއެވެ.

ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އެންމެ އިސްކަމެއް ދޭންވީ މާތް اللهގެ ޙައްޤުތަކަށެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." އެއަށްފަހު މައިންބަފައިންގެ ޙައްޤުތަކެވެ. މާތް الله ވަނީ އެކަލާނގެއަށް އަޅުކަންކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައެވެ. ދެން އޮތީ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ރަޙިމުގެ ގުޅުން ދަމަހައްޓާ މީހަކީ ހަމައެކަނި ބަދަލުގައި ހެޔޮކޮށް ހިތާ މީހާއެއް ނޫނެވެ. ނަމަވެސް އެއީ ގުޅުން ކެނޑޭ ހިނދުވެސް އެ ގުޅުން އާލާކޮށް ދަމަހައްޓާ މީހާއެވެ.

ޢީދު ދުވަހު މޫނުމަތިން އުފާވެރިކަން ފާޅުކޮށް، ލޯތްބާއި އަޚުވަންތަކަމާއެކު ހަދިޔާ ބަދަލުކުރުމަކީ ރިވެތި އާދައެކެވެ. އިސްލާމީ ޢީދުތައް ފެށެނީ އިޖުތިމާޢީ ބޮޑު ބައްދަލުވުމެއް ކަމުގައިވާ ޢީދު ނަމާދުންނެވެ. މި ނަމާދުގެ ސަބަބުން އެކަކު އަނެކަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި އެހެން ނަސްލުތަކުގެ މުސްލިމުންވެސް މި އުފަލުގައި ބައިވެރިކުރަންވާނެއެވެ. ފަޤީރުންނާއި މިސްކީނުން މި އުފަލުގައި ބައިވެރިކުރުމަށްޓަކައި ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް ވަނީ އަންގަވާފައެވެ.

ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ބޯލަނބަންވާނެއެވެ. އިސްލާމީ ސަގާފަތާ ބީރައްޓެހި، ދީނުގައި ނަހީކުރައްވާފައިވާ ކުޅިވަރުތަކަށް ޖާގަދީގެން ނުވާނެއެވެ. ރަމަޟާންމަސް އަހަރެމެންނާ ވަކިވެގެން އެދިޔައީ އަހަރެމެން ކުރި ހެޔޮ އަމަލުތަކުގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ. ރޯދަމަސް ނިމުނަސް، ނަމާދު ޤާއިމުކުރުމާއި އަޅުކަމުގައި ދެމިތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރޯދައަކީ އަހަރެމެން ތަރުބިއްޔަތުކޮށްދިން މަދަރުސާއެކެވެ.

އިސްލާމްދީނަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ބާރުއަޅާ ދީނެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، މުސްލިމުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިނުވާ، އަދި އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީ، ޢައިބުތައް ފޮރުވައިދޭ އަޚުންތަކެކެވެ. މީގެ އިތުރުން، ޤައުމުގެ އަމާންކަމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަކީ ފަރުދީ އަދި އިޖުތިމާޢީ ވާޖިބެކެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ރަށަށް އަމާންކަމާއި ރިޒުޤަށް އެދިވަޑައިގެން ކުރެއްވި ދުޢާއިން އެނގެނީ އަމާންކަމުގެ މުހިންމުކަމެވެ.

ޢީދުގެ މި އުފާވެރި ދުވަސްތަކަށްފަހު، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭންވާނެއެވެ. އެއީ މުޅި އަހަރު ރޯދަހިފުމުގެ ފުރުޞަތު ލިބިގެންދާނެ ސުންނަތް އަޅުކަމެކެވެ. މާތް الله އަޅަމެންގެ ހެޔޮ އަމަލުތައްޤަބޫލުކުރައްވައި، އަޅަމެންނަށް އަމާންކަމާއި ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ! އާމީން!

މަސްދަރު: (20 މާރިޗު 2026 - ފިޠުރު ޢީދު ދުވަހުގެ ޚުޠުބާ)



ކިޔުންތެރިންގެ ހިޔާލު