އިމިގްރޭޝަންގެ އޮޕަރޭޝަން
އިމިގްރޭޝަންގެ އޮޕަރޭޝަން
މާލެ އާއި ހުޅުމާލޭގައި އިމިގްރޭޝަނުން ދެ ދުވަހުގެ މުއްދަތަށް ހިންގި ބޮޑު އިންސްޕެކްޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، މިއީ އެ އިދާރާއިން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ މަގްސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ކަށަވަރު ކުރުމެވެ.

މި އިންސްޕެކްޝަންގައި ޖުމްލަ 66 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ހަތް ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ވަގުތު އެ މީހުން ތިބީ އިމިގްރޭޝަންގެ ބަންދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދޭ ސަމާލުކަން ވަނީ އިތުރުކޮށްފައެވެ. މިގޮތުން އިމިގްރޭޝަނުން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތްކުރާ ތަންތަން ރެއިޑްކުރުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެއިތުރުން މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު