އާންމުގޮތެއްގައި ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ ހަކުރުބަލި ޖެހެނީ ހަމައެކަނި ފަލަ ނުވަތަ ބަރުދަން އިތުރު މީހުންނަށް ކަމަށެވެ. ނަމަވެސް، ފަހުގެ ދިރާސާތަކާއި ޑޮކްޓަރުންގެ އިރުޝާދުތަކުން އެނގޭ ގޮތުގައި، ހިކިކޮށް ތިބޭ މީހުންނަށް ވެސް ހަކުރުބަލި ޖެހުމުގެ ނުރައްކާ އޮވެއެވެ. މިފަދަ ހާލަތަކަށް ސިއްހީ މާހިރުން ދީފައިވާ ނަމަކީ "ލީން ޑައިބެޓީސް" އެވެ. މިއީ ހާއްސަކޮށް އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި، ހާއްސަކޮށް އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުގައި އިތުރުވަމުން އަންނަ ނުރައްކާތެރި ބައްޔެކެވެ.

ލީން ޑައިބެޓީސް އަކީ މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ދަށް ނުވަތަ އާންމު މިންގަނޑެއްގައި ހުރި ނަމަވެސް، ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތިވުމެވެ. މި ބަލި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބޭރުފުށުން ހިކިކޮށް ފެނުނު ކަމުގައި ވިޔަސް، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ވަށައިގެން ސަރުބީ ޖަހާފައި ހުރުން ހިމެނެއެވެ. މީގެ އިތުރުން، ހަށިގަނޑުގައި މަސްތައް ހުންނަންޖެހޭ މިންވަރަށް ވުރެ މަދުވުމާއި، ފަލަ މީހުންނާ ހިލާފަށް ހިކި މީހުންގެ ހަށިގަނޑުން އިންސިއުލިން އުފައްދާ މިންވަރު މަދުވުމަކީ ވެސް މި ބަލި ޖެހެން މެދުވެރިވާ ސަބަބެކެވެ.

މި ބަލި ޖެހެން ދިމާވާ އަނެއް މުހިންމު ސަބަބަކީ ދިރިއުޅުމުގެ އާދަކާދަތަކެވެ. ހާއްސަކޮށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުލިބުމާއި، ޕްރޮސެސްކޮށްފައިވާ ކާނާ އަދި ހަކުރު ގިނަ ކާނާ ބޭނުންކުރުމަކީ ހިކި މީހުންނަށް ވެސް ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަންކަމެވެ. މީގެ އިތުރުން އާއިލީގޮތުން ހަކުރުބަލި ހުރުމާއި، މާބޮޑަށް ސްޓްރެސްވުން ފަދަ ކަންކަމަކީ ވެސް މި ނުރައްކާ އިތުރުކުރާ ކަންކަމެވެ.

ޑޮކްޓަރުން އިންޒާރު ދޭ ގޮތުގައި، ލީން ޑައިބެޓީސް އަކީ އާންމު ހަކުރުބައްޔަށް ވުރެ ބައެއް ފަހަރު ނުރައްކާތެރި ބައްޔެކެވެ. ސަބަބަކީ ހިކިކޮށް ހުންނަ މީހަކަށް ހަކުރުބަލި ޖެހިދާނެ ކަމަށް ގަބޫލުނުކުރެވޭތީ، ގިނަ ފަހަރަށް ބަލި ދެނެގަނެވެނީ ވަރަށް ބޮޑަށް ބަލި ބޮޑުވާ ފަހުންނެވެ. އެހެންކަމުން، ބަރުދަން ލުއިވި ނަމަވެސް، ދޭތެރެއަކުން ލޭގެ ހަކުރު ޗެކްކުރުމަކީ މުހިންމު ކަމެކެވެ.

މިކަމުން ރައްކާތެރިވުމަށްޓަކައި، ހަމައެކަނި ބަރުދަން ލުއިކޮށް ބެހެއްޓުމަކުން ނުފުދެއެވެ. އޭގެ ބަދަލުގައި، ހަށިގަނޑުގައި މަސްތައް ވަރުގަދަކުރުމަށްޓަކައި ގަވާއިދުން ކަސްރަތުކުރުމާއި، ފައިބަރާއި ޕްރޮޓީން ގިނަ ސިއްހީ ކާނާ ބޭނުންކުރުން މުހިންމެވެ. ހިކިކޮށް ހުރުމަކީ ސިއްހަތު ސަލާމަތުން ހުރިކަމުގެ ހަމައެކަނި ހެއްކެއް ނޫންކަން ގަބޫލުކޮށް، ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރުމަކީ މި ނުރައްކާތެރި ބަލިން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެވެ.



ކިޔުންތެރިންގެ ހިޔާލު