އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރަން ނިންމި ނިންމުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށް ކުރި ކަމެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެންބަރު އައްބާސް މިހެން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމަށްފަހު، އަނެއްކާވެސް ބައެއް ދާއިރާތަކުން އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމެންދެން ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން ސަރުކާރުން ނިންމީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށެވެ.

އަދި އިންތިޚާބު ނިމުމާއެކު އަނެއްކާވެސް ތެލުގެ އަގު ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވަމުން އައްބާސް ވިދާޅުވީ، "ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާ ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ" ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާ ގުޅިގެންނެވެ. މީގެ އަސަރު ރާއްޖެއަށް ކުރަން ފެށުމާއެކު، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެ ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުވެ 17.54 ރުފިޔާއަށް ވަނީ އުފުލިފައެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.

މި ބޮޑު އަގުތަކާ ގުޅިގެން ދަތުރުފަތުރުގެ އަގުތައް އުފުލި، މަސްވެރިންގެ އިތުރުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އަމާޒުވާން ފެށިއެވެ. އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، އެސްޓީއޯއިން ރޭ ވަނީ ބައެއް ދާއިރާތަކަށް ލުޔެއް ދިނުމަށް ނިންމާފައެވެ.

އެސްޓީއޯގެ ބަޔާނުގައިވާ ގޮތުން، އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި މަސްވެރިންނަށް 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ދެމިއޮންނާނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އެފްއެސްއެމް ޝެޑްތަކާއި އަތޮޅުތެރޭގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު