މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެރި ލޮޅުމާއެކު ރާއްޖޭގެ އިގުތިސާދު މުޅިން ފުނޑުފުނޑުވެގެންދާ ފަދަ ނުރައްކާތެރި ހާލަތަކަށް ގައުމު ވެއްޓިފައިވާކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގެ ނާޒުކު ކަމާމެދު އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި ކަންބޮޑުވުން ފާޅުކޮށް، އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ނުރައްކަލުގެ ހާލަތަށް ފުރަގަސްދީ، ސަރުކާރުން އިސްކަން ދެނީ އިންތިޚާބަށް ކެމްޕޭންކުރަން ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގަމުންދަނީ އިސްރާފު އިތުރުވާ އުސޫލުން ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވަޒީފާތައް މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ މިންވަރަށް އިތުރުކުރުމާއި، އަމިއްލަ ވިޔަފާރިތައް ބާކީކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްއެޅުން ފަދަ ކަންކަން ކުރަމުންދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ޤައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، ކުއްލިއަކަށް ތެލުގެ އަގު އުފުލި، ގޭސް ރޭޝަންކުރަން ޖެހުމުގެ ސަބަބުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، މުދާ އެއްކުރުން އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ތެލުގެ ދަތިކަން އިތުރަށް ގޯސްވެ، ދަތުރުފަތުރުގެ އަގުތަކާއި ފިހާރަތަކުގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެންމެ ކަންބޮޑުވާންޖެހޭ އަދި ނާޒުކު މައްސަލައަކީ ފެނުގެ ދަތިކަން ކަމަށާއި، އިރުވައި މޫސުން ބޯމަތިވެފައިވާއިރު، ފެނުގެ ބޭނުންތަކަށް މުޅިން ބަރޯސާވަނީ ފެން އުފައްދާ ނިޒާމުތަކަށްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ގެންގުޅޭ "ކަންކަން ހަމަޖެހިފައިވާ" ކަމަށް ދައްކާ ކުށްހީން ބޭރުވެ، ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުވައި، ބޭކާރު ޚަރަދުތައް ކުޑަކުރުމުގެ އަމަލީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

ދަރަނީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ފައްޔާޒު ވިދާޅުވީ، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ކުރީކޮޅަށް ހަމަވާނެ ކަމަށެވެ. ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަންނަ ލޮޅުންތަކާއި އިންފްލޭޝަން ގޯސްވަމުންދާއިރު، މި ފައިސާ ދައްކާނެ ގޮތެއްގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަނުކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަށީގެންވާ ރޭޓެއްގައި ރީ-ފައިނޭންސް ކުރެވޭނެ ފަދަ އިތުބާރު ހުރި ނިޝާނެއް ވެސް ފެންނާން ނެތް. މިއަދު އޮތް ބިރަކީ ދަރަނިން ސަލާމަތްވުމަށްޓަކައި ސަރުކާރުން އެމްއެމްއޭއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދިވެހި ބޭންކުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން." ފައްޔާޒު ވިދާޅުވިއެވެ.

އޭގެއިތުރުން، މި ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ގެއްލުމުން އަރައިގަތުމަށް އެތައް އަހަރެއް ނަގާފާނެ ކަމުގެ އިންޒާރުވެސް ފައްޔާޒް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު