ސަރުކާރުގެ އިސްވެރިން ރާއްޖެއަށް ތެލުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށް، ރައްޔިތުން ނިދާފައި ތިއްބާ ކުއްލި ގޮތަކަށް ތެލުގެ އަގު ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އައްބާސް ވިދާޅުވީ، ތެލުގެ އަގަށް ގެނައި މި ބަދަލާއެކު މިހާރު ޑީސަލް ލިޓަރެއްގެ އަގު 28.32 ރުފިޔާއަށް އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 27.13 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. މިއީ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސް، ރައްޔިތުން ބިކަހާލުގައި ޖެހިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އައްބާސް ވަނީ އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.



އޭގެ އިތުރުން އައްބާސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި ވިއްކާ ތަކެތީގެ އަގުތައް މަތިކުރަމުންދާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެދެވޭ އެއްވެސް ފިޔަވަޅެއް އަޅަމުންދާ ތަނެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތަކުން އެތައް ސަތޭކަ ސިޔާސީ ވަޒީފާއެއް އިއުލާންކޮށް، ދައުލަތުން ބޭކާރު އެތައް ޚަރަދުތަކެއް ކުރަމުންދާ މަންޒަރު ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ތެލުގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މުދަލާއި ޚިދުމަތުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމުގެ ބިރު މިހާރު އޮތީ ބޮޑުވެފައެވެ.

އައްބާސް މިހެން ވިދާޅުވި ނަމަވެސް އެސްޓީއޯއިން ރަސްމީކޮށް ތެލުގެ އަގު ބޮޑުވެއްޖެ ކަމަށް އިއުލާނު ކޮށްފައެއް ނުވެއެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު ބޮޑުވެފައިވާކަން އެންމެ ފަހުން އިއުލާނު ކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު